ގާޒާގައި ހިންގަމުންދަނީ ގަތުލްއާމުން ފެންނަމުންދަނީ ހިތް ކުދިކުދި ވެގެންދާ މައްޒަރުތަކެއް ކަމަށާއި އެކަމާ ދެކޮޅަށް މަޑުން ތިވެގެން ނުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ގައްޒާގެ ދިފާއުގައި އަޑު އުފުލައި ވާހަކަ ދައްކާފައިވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއްވެސް ލިބިފައިވާ އިރު، އެ ވީޑިއޯގައި އޭނާ އަސަރުން ފުރިގެންވާ ވާހަކަތަކެއް ދައްކާފައިވެއެވެ. އުފަން ރަށް ކަޓަލޫނިއާއަކީ މިނިވަން ގައުމެއް ގޮތުގައި ހަދައިދިނުމަށްވެސް އަޑު އުފުލި ގާޑިއޯލާ ބުނީ ގާޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލަން ނުކެރުމަކީ ފިނޑިވުން ކަމަށެވެ.

"އެތައް ހާސް ކުށެއް ނެތް ކުދިންތަކެއް މަރުވެގެންދާތަން ކޮންމެ ދުވަހަކު ފެނިގެން އެބަދޭ. އާއިލާތަކަށް އެތައް ހިތްދަތިކަމެއް ކުރިމަތިވޭ. ބަނޑަށް މީހުން މަރުވަމުންދޭ. ސިޔާސީ މީހުން އެކަންޏެއް ނޫން މި ވާހަކަ ދައްކަން ޖެހެނީ. އެންމެވެސް އިންސާފަށް އަޑު އުފުލަން ޖެހޭނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ގާޒާގެ ދިފާއުގައި އަޑު އުފުލަން ޖެހިލުން ވަނީ "ސޭފް ސައިޑް"ގައި ތިބެން ބޭނުންވާތީ ނަމަވެސް، އެކަމަށް އަޑު އުފުލަން ފަސް ޖެހިގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން ގާޑިއޯލާގެ ތިން ކުދިން ކަމަށްވާ މަރިއާ، މަރިއަސް އަދި ވެލެންޓީނާއަށް އިޝާރާތްކޮށް އޭނާ ބުނީ ހަތަރު އަހަރު ފަސް އަހަރުގެ އެތައް ކުދިންނެއް ގާޒާގައި ގަތުލުކުރަމުންދާ އިރު، އެކަމުގައި މަޑުން ތިބެ، ބެހޭ ކަމެއް ނޫން ކަމަށް ބުނަމުން ދަނިކޮށް މާދަމާ އަމިއްލަ ދަރިއަކަށް އެކަން ދިމާވުމުން ހިތްދަތިވާނެ ވަރާމެދު ވިސްނަން ޖެހޭނެ ކަމަށެވެ.

ގާޒާގައި ދިރިއުޅޭ 2.3 މިލިއަން އާބާދީގެ ތެރެއިން އެއް ބަޔަކީ ކުޑަކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިދިޔަ 2023 ވަނަ އަހަރު އޮކްޓޯބަރު މަހަށްފަހު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާގެ 17،400 ކުދިން ޝަހީދުކޮށްލާފައިވާ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ. އޭގެ ތެރެއިން 15،600 ކުދިންނަކީ ކޮން ކުދިންނެއްކަން ނޭނގޭ ކުދިން ކަމަށްވެސް ގާޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާ ދީ އަލް ޖަޒީރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ކުދިންނެއް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.