ފަލަސްތީނުގެ ރައްޔިތުން ގައްޒާއިން ބޭރުކުރުމަށް ހަދާފައިވާ އެއްވެސް ޕްލޭނެއް ގަބޫލު ނުކުރާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެމެރިކާއިން މިހެން ބުނީ، ގައްޒާގެ މައްސަލައަށް އޮތް ހައްލަކީ އެ ސަރަހައްދު ހުސްކުރުން ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވުމާ ގުޅިގެންނެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައްޒާގެ އާބާދީ ގަދަކަމުން ބޭރުކުރުމަށް ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެމެރިކާއިން ތާއީދެއް ނުކުރާނެއެވެ.
އިސްރާއީލުގެ ނޫހަކުން އިންތިޒާމުކޮށްގެން ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ކާޓްޒް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ގައްޒާއިން ބޭރުކުރުމާ ނުލައި އެ މައްސަލައަށް ހަގީގީ ހައްލެއް ނެތެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ގައްޒާއިން ބޭރުކުރުމަށް އިސްރާއީލުން މަގުފަހިކޮށްދޭނެ ކަމަށާއި، އެކަމަށް އެމެރިކާގެ ހުއްދައަށް އިންތިޒާރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން މަޑުޖައްސަވާލައްވާފައިވާ ޕްލޭނެއް ކަމަށް ވެސް ކާޓްޒް ވިދާޅުވިއެވެ.
ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުން އަލްޖަޒީރާއަށް ދިން ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ރައީސް ހުށަހަޅުއްވާފައިވާ ޕްލޭންގެ 12 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް މީހަކު ގަދަކަމުން ގައްޒާއިން ބޭރު ނުކުރާނެ ކަމަށެވެ. އަދި ގައްޒާގައި މަޑުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީ، އެ ސަރަހައްދު އާރާސްތުކުރުމަށް ހިތްވަރުދޭނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާޓްޒްގެ ވާހަކަތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގައްޒާގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް