އެޑިޑާސްގެ އާ ކެމްޕޭނެއްގައި އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކުރުމާ ގުޅިގެން، އެ ކުންފުނި ބޮއިކޮޓްކުރުމަށް ގޮވުން އިތުރުވެއްޖެއެވެ.
އެޑިޑާސްއިން ފެށި "ސިންގަލް ޝޫ ސާވިސް" ނުވަތަ އެއް ބޫޓު ގަނެވޭ ހިދުމަތް ޕްރޮމޯޓްކުރުމަށް ބޭނުންކޮށްފައިވަނީ 2021 ވަނަ އަހަރު ގައްޒާ ކައިރީގައި ހިނގި ހަމަލާބަދަލުކުރުންތަކެއްގައި ފައި ބުރިވެފައިވާ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝާލެވް ބިޓޮންއެވެ. މި ކެމްޕޭނާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި އާންމުން އަންނަނީ އެޑިޑާސް ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ގައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ގުނަވަންތައް ބުރިވެފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއްގައި އިސްރާއީލު ސިފައިންގެ މީހަކު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިގޮތުން، ސްޕެއިންގެ މަޝްހޫރު އެކްޓަރު ހާވިއޭ ބާޑެމް ވެސް ވަނީ އެޑިޑާސް ބޮއިކޮޓްކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފަލަސްތީނުގެ ކުޑަކުދިންނާއި ބިޓޮންގެ ފޮޓޯތައް އަޅައިކިޔައި، އެޑިޑާސްގެ ނިންމުމަށް ފާޑުކިޔަމުންނެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން އިސްރާއީލުގެ ނޫސްތަކަށް މައުލޫމާތު ދެމުން އެޑިޑާސްއިން ބުނެފައިވަނީ، މިއީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށާއި، މިއީ ވަކިން އިސްރާއީލު ސިފައިންނަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއް ނޫން ކަމަށެވެ. އަދި ޝާލެވް ބިޓޮން ބުނި ގޮތުގައި، އޭނާއަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކާއި ނަފްރަތު އަމާޒުވަމުންދެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގައްޒާގައި 5،000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ވަނީ ބުރިކުރަން ޖެހިފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް