އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ގޮވާލުމުގެ ސަބަބުން ނުވަތަ އދ.ގެ އެހީތެރިކަމަށް އެދުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާއި އެ ގައުމުގެ ލީޑާޝިޕަށް އަދަބުދީގެން ނުވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ. އައްބާސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައެވެ.
ރައީސް އައްބާސް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. އެކަމާ ގުޅިގެން ފަލަސްތީނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް އެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް އދ.އިން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކަށް އަލިއަޅުވާލައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލައަށް ހައްލެއް ހޯދުމުގެ މުހިންމުކަން އައްބާސް ވަނީ ތަކުރާރުކުރައްވައިފައެވެ. ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށް ވެސް އައްބާސް ވަނީ ގޮވާލައްވައިފައެވެ.
އައްބާސް މި ތަގުރީރު ދެއްވާފައިވަނީ މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު
ކޮމެންޓް