މެލޭޝިއާގައި މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަނގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އޭނާ މަސައްކަތްކުރައްވާ ހިދުމަތް ޖަމިއްޔާއިން ފަށައިފައެވެ.
ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ ހިދުމަތް ޖަމިއްޔާގެ މަސައްކަތެއްގައެވެ. ޝައިޚް އަވަހާރަވީ، މެލޭޝިއާއަށް ފައިބައިވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓުމުން ފަރުވާދެމުން ދަނިކޮށެވެ.
ހިދުމަތް ޖަމިއްޔާއިން މިހާރު ވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ ކަމުގައި އެހީތެރިވާން ހުޅުވާލައިފައެވެ.
ހިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި އެ މިސްކިތަކީ 250 ސްކޮޔާ މީޓަރުގެ ބޮޑު މިސްކިތެކެވެ. އެ މިސްކިތުގައި 455 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭއިރު، މިސްކިތް ބިނާކުރަން 760،000ރ ހަރަދުވާނެ ކަމަށް ބުންޏެވެ.
"ޝައިހް ފަރީދުގެ ހިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސޮދަގާތެއް ކުރަން، އެބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ." ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.
ޝައިގް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް:
- ހިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496
ޝައިހް ފަރީދުގެ ޖަނާޒާ ވަނީ މެލޭޝިއާގެ ރާޖާ ހާޖީ ފީ ސަބީލިﷲ މިސްކިތުގައި މިއަދުގެ ވަގުތެއްގައި ބާއްވައިފައެވެ.
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ޝައިހް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ޝައިހްގެ ހަށިގަނޑު ވަޅުލައިފި ނަމަ، ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ޝައިހް ފަރީދުގެ ހަށިގަނޑު މާލެ ގެންނަން ކުރިން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކުރީ، މެލޭޝިޔާގެ ގަވައިދު އޮންނަ ގޮތުން އެގޮތަށް ކަންތައް ކުރާނަމަ ޕޯސްޓު މޯޓަމް ހަދަން ޖެހޭތީ ކަމަށް އާއިލާއާ ހަވާލާދީ، ޝައިހް ފަރީދާއެކު މެލޭޝިއާއަށް ދިޔަ ޓީމުގެ މެންބަރަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޝައިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެެވެ. އެކި މައުލޫތަކަށް ޝައިހް ފަރީދު ދެއްވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
ޝައިހް ފަރީދަކީ، އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް ބަންދުވެސް ކުރިއެވެ. ޝައިހް ފަރީދަކީ، އެމްޑީޕީގެ ފުރަތަމަ ދުވަސްކޮޅު އިސް މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި ބޭފުޅެކެވެ. އެގޮތުން ޝައިހް ވަނީ އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ