ހައްޖުގެ އަޅުކަން ނިންމައި ހައްޖުވެރިން އެނބުރި މާލެ އަންނައިރު އެމީހުން ބަލައި ކުޑަކުދިން އެއާޕޯޓަށް ނުގެންދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ ފަރާތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އެއާޕޯޓް ފަދަ މީހުން ގިނަ ތަންތަނަށް ދިއުން ރައްކާތެރިނޫން ކަމަށެވެ.

އޭނާ ވަނީ ހައްޖުން މީހުން އަންނައިރު ގިނަ އަދަދެއްގެ ކުޑަކުދިން އެއާޕޯޓުން ފެންނަ މިންވަރު ގިނަ ކަމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ހާއްސަކޮށް އުމުރުން ހަ މަސް ނުވާ ކުޑަކުދިންނާއި ހަ އަހަރުން ދަށުގެ ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ ކުޑަކުދިން އަދި އުމުރުން ދުވަސްވީ ބަލި މީހުން އެއާޕޯޓަށް ނުގެންދަން އިލްތިމާސްކުރައްވައިފަ އެވެ.

"ހައްޖުވެރިން އައިސް ފުރަތަމަ ހަފުތާ އާއި ދެ ހަފުތާގެ ތެރޭގައި މި ބޮޑެތި ގެދަރިންގްސްތައް މަދުކޮށްލެވޭތޯ ބަލާށޭ. އަދި ހާއްސަކޮށް ފުރަތަމަ ހަފުތާގެ ތެރޭގައި، އަދި އެ އެއްވާ އެއްވުންތަކަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބޭފުޅުންނާއި ބަލިމީހުން ގެެނެސްގެން އެބާއްވާ އެއްވުންތައް ވީހާވެސް ބޮޑަކަށް މަދުކޮށްލަން ޖެހޭ،" އިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވެސް އެ ޕްރޮގްރާމްގައި ބައިވެރިވެ އެފަދަ އެއްވުންތައް މަދުކޮށްލަން އިލްތިމާސްކުރެއްވި އެވެ. އޭނާ ވަނީ ހައްޖުން އައުމުން އެ ބާއްވާ އެއްވުންތަކާއި ހަފުލާތައް ފުރަތަމަ ހަތު ދުވަހުގެ ތެރޭގައި ބޭއްވުން މަދުކޮށްލަން އެދިވަޑައިގެންފަ އެވެ. އަދި ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މީހުންގެ ތެރެއަށް މާބޮޑަށް ނުކުމެ ނޫޅެންވެސް އިލްތިމާސްކުރެއްވި އެވެ.

ހައްޖުވެރިންވެސް އެނބުރި އަންނައިރު ރޯގާ ޖެހި ބަލިވެފައި ވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

"އެބޭފުޅުން މިކޮޅަށް ވަޑައިގަންވާއިރު ހުމެއް ރޯގާއެއް ނެތް ނަމަވެސް 14 ދުވަސްތެރޭގައި އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އަވަހަށް ހޮސްޕިޓަލަށް ގޮސް ދައްކަން ވާނެ، އަދި ދައްކާއިރު ހިސްޓްރީ ރަނގަޅަށް ކިޔާދިނުމަކި ވަރަށް މުހިންމު ކަމެއް،" ހަމްޒަތު ވިދާޅުވި އެވެ.

ހަމްޒަތު ވިދާޅުވީ ބޭރު ގައުމަކަށް ދަތުރުކޮށްފައި އައުމުން ބަލިވެއްޖެ ނަމަ ޑޮކްޓަރަށް އެ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.