ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބުދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް އިއްތިފާގުން ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީން ނިންމުން ބަލައިގަނެ އެ ދެ ބޭފުޅުން، ސުޕްރީމް ކޯޓަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަން ވޯޓަށް އަހައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 60 މެންބަރަކު ވަނީ ވޯޓް ދެއްވައިފައެވެ. ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރެއްވުމަށް ފެންނަ ކަމަށް 61 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ މަގާމުން ވަކިކުރުމުންނެވެ. އެ ދެބޭފުޅުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ދެ ބޭފުޅުން ވަކިކުރީ އަޒްމިރަލްދާގެ ފިރިލަކުން ސްޕާއަކުން ހައްޔަރުކުރުމުން އޭނާ ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާ އިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ފަނޑިޔާރު މުހައްމަދު ސަލީމަކީ ހައި ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި 12 އަހަރު އުޅުއްވުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުކަން 9 އޮގަސްޓު 2022 އިން ފެށިގެން ކުރައްވާ ބޭފުޅެކެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.ރައްޔިތުންގެ މަޖިލިސް