ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 50 ރަށެއްގައި އަޅަން ނިންމާފައިވާ ކައުންސިލްތަކަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީއަށް މިމަހުގެ ތެރޭގައި ޗައިނާގެ ޓީމެއް އަންނާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެ ޕްރޮޖެކްޓްގެ ލެޓާ އޮފް އެކްސްޗޭންޖުގައި މިދިޔަ މަހުގެ 22ގައިވަނީ ސޮއިކޮށްފަ އެވެ.

ޕީއެސްއެމް ނިއުސްއަށް ރޭ މިނިސްޓަރު ޝަރީފް ދެއްވި އިންޓަވިއުއެއްގައި އެ ޕްރޮޖެކްޓާ ގުޅޭގޮތުން ވިދާޅުވީ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ނުދީ މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން އަޅަން ނިންމާފައިވާ 55 ކައުންސިލްގެ ޕްރޮޖެކްޓްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިދާރާއެއްގެ އާ އިމާރާތްތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީންނެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ.

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް ހަދާ ރަށްތައް:

  • ހދ. ވައިކަރަދޫ
  • ށ. ފޭދޫ
  • ށ. ކޮމަންޑޫ
  • ށ. ގޮއިދޫ
  • ހއ. ވަށަފަރު
  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ހދ. ކުމުންދޫ
  • ހދ. ނޭކުރަންދޫ
  • ށ. ނަރުދޫ
  • ނ. ހެނބަދޫ
  • ނ. ޅޮހި
  • ނ. ފޮއްދޫ
  • ނ. މަނަދޫ
  • ނ. މަގޫދޫ
  • ނ. ލަންދޫ
  • ރ. ވާދޫ
  • ރ. ހުޅުދުއްފާރު
  • ބ. ކަމަދޫ
  • ބ. ކުޑަރިކިލު
  • ބ. ފެހެންދޫ
  • ބ. އޭދަފުށި
  • ބ. ތުޅާދޫ
  • ބ. ކިހާދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. ކާށިދޫ
  • ކ. ގުރައިދޫ
  • ކ. ތުލުސްދޫ
  • ކ. ގާފަރު
  • އދ. ކުނބުރުދޫ
  • އދ. މަހިބަދޫ
  • އދ. ފެންފުށި
  • މ. މުލި
  • މ. ދިއްގަރު
  • މ. މުލައް
  • ފ. ފީއަލި
  • ދ. ހުޅުދެލި
  • ދ. ބަނޑިދޫ
  • ތ. އޮމަދޫ
  • ތ. ގާޑިއްފުށި
  • ތ. ބުރުނީ
  • ތ. ގުރައިދޫ
  • ތ. ވޭމަންޑޫ
  • ލ. މާބައިދޫ
  • ލ. ކުނަހަންދޫ
  • ލ. މާވަށް
  • ގއ. މާމެންދޫ
  • ގއ. ނިލަންދޫ
  • ގދ. މަޑަވެލި

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. އެގޮތުން ބާވަތް އެކެއްގެ ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް ދޭއް ގައި ހިމެނެނީ 20 ކައުންސިލްގެ އިދާރާއެވެ.