އަންގޭ ޕޮސްޓެކޮގްލޫގެ ބަދަލަކަށް އެނބުރި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ދާން ނުވިސްނާ ކަމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރި މައުރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އުމުރުން 59 އަހަރުގެ ޕޮސްޓެކޮގްލޫއާއެކު ޓޮޓެންހަމްއިން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ހޯދިއެވެ. އެއީ މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި އެޓީމުން ހޯދި ފުރަތަމަ ތަށްޓެވެ. އެ ތަށި ހޯދި ނަމަވެސް، ޓޮޓެންހަމްއިން ނިންމާފައި ވަނީ ޕޮސްޓެކޮގްލޫ މަގާމުން ވަކިކުރުމަށެވެ.

ޓޮޓެންހަމްއިން ޕޮސްޓެކޮގްލޫގެ ބަދަލަކަށް ކޯޗެއް ހޯދަން މަސައްކަތް ކުރަމުންދާ އިރު، ބައެއް މީޑިއާތަކުން ބުނީ އެމަގާމަށް އެންމެ ރަނގަޅުވާނީ ޕޮޗެޓީނޯ ކަމަށެވެ. މީގެ ކުރިން ޕޮޗެޓީނޯ ވަނީ ފަސް އަހަރު ވަންދެން އެ ކްލަބަށް ކޯޗުކަން ކޮށްދީފައެވެ.

އެ ފަސް އަހަރު ނިމި، އޭނާ ކުރިން ޓޮޓެންހަމް ދޫކޮށްލީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން ޗެލްސީއަށްވެސް ކޯޗުކަން ކޮށްދިނުމަށްފަހު ޕޮޗެޓީނޯ އެމެރިކާއާ ހަވާލުވީ 2024 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ.

"އެއީ ވާނެ ކަމެއް ނޫންހެން ބޮޑަށް ހީވަނީ. މިހާރު މިހުރިތަން ބަލާ. އަހަރެން މި ޓީމުގައި މިތިބި ސްޓާފުން މިއީ އެއްކޮށް ތިބި މީހުން. އެހެންވީމަ މިއީ އަވަހަށް ނިންމާލަން ފެށި މަސައްކަތެއް ނޫން. އެހެންވީމަ ޖަވާބު ސާފު، ޓޮޓެންހަމްއަށް އެނބުރި ދާނެ ވިސްނުމެއް ނެތް،" އާޖެންޓީނާއަށް އުފަން، 53 އަހަރުގެ ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ޓޮޓެންހަމްއަށް ކޯޗެއް ހޯދާ ކޮންމެ ފަހަރަކު ލިސްޓުގެ ކުރިއަށް އޭނާގެ ނަން އައި ކަމަށް ވިޔަސް، އެނބުރި ދާން އެއްވެސް އިރެއްގައި ނުވިސްނާ ކަމަށެވެ.