އިޓަލީގެ އެޓަލާންޓާގެ ކޯޗުކަމުގައި މިދިޔަ ނުވަ އަހަރު ހޭދަކުރުމަށްފަހު ދާދި ފަހުން އެ މަގާމު ދޫކޮށްލި ޖިއާން ޕިއޭރޯ ގަސްޕެރީނީ، އިޓަލީ ލީގުގެ ރޯމާގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަސް ތެރޭގައިވެސް ގަސްޕެރީނީ ވަނީ އެޓަލާންޓާ ދޫކޮށްލަން ނިންމައިފައެވެ. އެގޮތަށް ނިންމުމަށްފަހު ސީޒަން ނިމުމުން އޭނާ އެޓަލާންޓާ ދޫކޮށްލާފައިވާ އިރު، ރޯމާގައި ކުރިން ހުރި ކޯޗު، ކްލައުޑިއޯ ރަނިއޭރީ ރޯމާ ދޫކޮށްލީވެސް މިދިޔަ ސީޒަނަށްފަހުއެވެ.

ރަނިއޭރީ ރޯމާ ދޫކޮށް ދާން ނިންމާފައިވަނީ އެ ކްލަބަށް ފަސްވަނަ ހޯދައި ދިނުމަށްފަހުއެވެ. ރޯމާއަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ޖާގައެއް ލިބިފައިވާއިރު، ޔޫރޮޕާ ލީގަކީ ކުރިން ގަސްޕެރީނީ އެޓާލާންޓާ އާއެކު ހޯދާފައިވާ ތަށްޓެކެވެ.

އުމުރުން 73 އަހަރުގެ ރަނިއޭރީ އަކީ މިދިޔަ ސީޒަނުގައި އިންޓަގެ ކޯޗުކަމާ ހަވާލުވި ތިންވަނަ ކޯޗެކެވެ. ރޯމާ ގޯސް ހާލަތެއްގައި އޮއްވާ ރަނިއޭރީ އެ ކްލަބާ ހަވާލުވީ ރިޓަޔާމަންޓްގައި ހުރުމަށްފަހުއެވެ.

އަލަށް ރޯމާއާ ހަވާލުވި އުމުރުން 67 އަހަރުގެ ގަސްޕެރީނީ އަކީ އެޓަލާންޓާގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. މިދިޔަ ނުވަ އަހަރު ތެރޭގައި އޭނާ ވަނީ އެ ކްލަބަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު އެޓަލާންޓާއަކީ އިޓަލީ ލީގު ތަށްޓަށްވެސް ވާދަކުރި ޓީމެކެވެ.

އޭގެ އިތުރުން ގަސްޕެރީނީއާއެކު އެޓަލާންޓާއިން ވަނީ 2024 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.