ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕްގައި ރެފްރީން ބޮޑީ ކެމް ބޭނުންކުރުމުގެ އިތުރުން ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމްގެ އާ ވާޝަންއެއް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.

މިއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގައި ރެފްރީން ކެމެރާ ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ކްލަބް ވޯލްޑް ކަޕް ލައިވް ކުރާއިރު، ރެފްރީންގެ ކެެމެރާތަކުގެ ފުޓޭޖް ދައްކާނެ އެވެ.

ފީފާ އިން ބުނީ ކްލަބު ވޯލްޑް ކަޕްގައި ބޭނުންކުރާ އޮފްސައިޑް ސިސްޓަމަކީ އޭއައި ބޭނުންކޮށް، އިތުރު ކެމެރާތަކާއި ބޯޅައިގެ ސެންސަރުތައްވެސް ބޭނުންކޮށްގެން އޮފްސައިޑް ސިސްޓަމް ޑިޓެކްޓް ކުރެވޭނެ ސިސްޓަމެއް ކަމަށެވެ. އެ ސިސްޓަމް އަޕްގްރޭޑް ކުރީ ނިންމުންތައް އަވަސްކޮށް، ގޯސްތައް މަދުކުރުމަށް ކަމަށްވެސް ބުންޏެވެ.

ފީފާ އިން ނެރުނު ބަޔާނުގައި ބުނީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް އިތުރަށް ފައްކާ ކުރި ނަމަވެސް، ވީއޭއާރުގެ ބޭނުން އެއްކޮށް ނުކެނޑޭނެ ކަމަށާއި އަދިވެސް އެ ސިސްޓަމަށް ބަރޯސާވާން ޖެހޭނެ ކަމަށެވެ.

މިއީ ކްލަބް ވޯލްޑް ކަޕް މިހާރު އޮންނަ ފޯމެޓަށް ބާއްވާ ފުރަތަމަ ފަހަރެވެ. ޖުމުލަ 32 ޓީމާއެކު މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ބާއްވާއިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ފީފާ އިން އާ ކަންތައްތަކެއް ޓެސްޓް ކުރާނެވެސް މުބާރާތަކަށެވެ.

މި އަހަރުގެ ކްލަބު ވޯލްޑް ކަޕް އޮތީ އެމެރިކާގައެވެ.