ޔުނައިޑެޓް ނޭޝަންސް (ޔޫއެން)ގެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދީފފިއެވެ.

އައިއެލްއޯގެ މެންބަރުންގެ މެދުގައި މިއަދު ވަނީ ފަލަސްތީނަށް އެ ޖަމިއްޔާގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ދިނުމާ ގުޅޭ ވޯޓެއް ނަގައިފައެވެ. އެ ވޯޓުގައި 386 މެމްބަރަކު ވަނީ ފަލަސްތީނަށް އެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. 15 މެމްބަރަކު ވަނީ ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވާ ސްޓޭޓް ދިނުމާ ދެކޮޅަށް ވޯޓުދީފައެވެ. އަދި 42 މެމްބަރަކު ވޯޓުގައި އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

ފަލަސްތީނަށް، އައިއެލްއޯގެ އޮބްޒާވާ ސްޓޭޓް ދިނުމުގެ ވޯޓު ނަގާފައިވަނީ ޖެނީވާގައި ހުންނަ ޔޫއެންގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަވުމަށްދިޔަ ވަފުދުގައި އިސްކޮށް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

ރައީސް އޮފީހުން މިރޭ ބުނީ އައިއެލްއޯގެ އޮބްޒާވާ ސްޓޭޓުގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށެވެ. އަދި އެކަމަށް ވޯޓު ދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން ފަހުރުވެރިވާ ކަމަށެވެ.