މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައެއްގެ އަފުރާދުން އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށް މިއަދުގެ ހުކުތު ހުތުބާގައި ބުނެފި އެވެ.
"އެކަކު އަނެކަކަށް އެހީތެރިވުން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ.
އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ ވާޖިބު ކަމަށާއި އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއްގެ އިތުރުން މުއުމިނުންގެ ސިފައެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، އަހަރެމެންގެ ތެރޭގައި އުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިވެ، އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. އަދި އެކުވެރިކަމާއި އުހުތްވަތްތެރިކަމަކީ ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުއޫރެއް ކަމަށާއި އެއީ އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"ތިމާގެ އަހާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެ އެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް، ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށްދެއްވާނެ އެވެ. އަދި މުސްލިމެއްގެ އައިބެއް ސިއްރުކޮށް، ފޮރުވައިދީފި މީހާގެ އައިބުތައް މާތް ﷲ ގިޔާމަތް ދުވަހުގައި ސިއްރުކުރައްވައި ފޮރުއްވައިދެއްވާނެތެވެ،"
މުހައްމަދު ސިމާއު
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ