ހައްޖާޖީންނަށާއި އުމްރާގެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންނަށް، އަދި ދެ ހަރަމްފުޅު ގަސްދުކޮށްގެން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދޭ ހާއްސަ މެހެމާންދާރީއާއި ހިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށްޓަކައި، ސައުދީގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، އެ ގައުމުގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުން، އަރަބި ބަހުން މިރޭ ކުރެއްވި ޕޯސްޓެއްގައި، ސައުދީގެ އެ އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ރައީސްގެ އެ ޕޯސްޓުގައި، ސައުދީގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ. އަދި މި އިހުސާންތެރި ހިދުމަތުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ސައުދީއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ އެ ޕޯސްޓުގައި ކުރައްވާފައިވާ ދުއާގައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިގު އުމުރުފުޅަކާއި، ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް އެދިވަޑައިގެންފައިވެއެވެ. އަދި ހަސަދަވެރީންނާއި، ހިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސައުދީ ސަލާމަތްކޮށްދެއްވައި، އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، އިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ދިވެހި ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސައުދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށްދެމުންނެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި، ހާއްސަ ހުއްދައަކާއެކު ރާއްޖެ ބައިވެރިކުރުމާ ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ހިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.