ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ދިރާގުން ބުނީ ތިމާވަށީގެ ދުވަހާ ގުޅުވައިގެން، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގެ މަގުސަދަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން އެފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.
އެ ތިން ދުވަހުގެ ހަރަކާތަކީ ދިއްދޫ ކައުންސިލް، ދިއްދޫ ކުރިމަގު ޖަމިއްޔާ، ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދިރާގުން ބުނީ އެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ، ދިއްދޫގައި ހިންގުނު ގަސް އިންދުމުގެ ޕްރޮގްރާމް ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް އިންދާފައިވާ ކަމަށެވެ. އަދި އިންދި ގަސްގަހަކީ ދިގު މުއްދަތައް ފާއިދާ ލިބޭ ފަދަ ގަސްގަސް ކަމަށް ދިރާގުން ބުންޏެވެ.
އިންދި ގަސްތަކުގެ ތެރޭގައި މޭވާ އަޅާ ގަސް ކަމުގައިވާ އަނބު، ފޭރު، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނޭ ކަމަށާއި އިންދި ގަހުގެ ތެރޭގައި ހިމެނޭ 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަސް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން "ދިރާގު ގޯ ގްރީން 2025"ގެ ދަށުން ހިންގުނު މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
- ދިއްދޫގެ ގޭގެޔަށް މޭވާ އަޅާ ގަސް ހަދިޔާކުރުން.
- ކުނި މެނޭޖްކުރުމާއި، ރީސައިކަލްކުރުމާއި، ގަސް އިންދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާ ބެހޭގޮތުން ސްކޫލް ކުދިންނާއި އާންމުންނަށް ހޭލުންތެރިކަމުގެ ސެޝަންތައް ބޭއްވުން.
- ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭގޮތުން، ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު އެންޖީއޯގެ ބައިވެރިވުމާއެކު ޕެނަލް ޑިސްކަޝަނެއް ބޭއްވުން.
- ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން، ސަސްޓެއިނަބިލިޓީއާ ގުޅޭ ތީމްތަކަށް ކުރެހުމުގެ މުބާރާތެއް ބާއްވައި އީކޯ ފްރެންޑްލީ އިނާމުތައް ދިނުން.
- ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ދިރާގުން ހަރަކާތުގެ ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ހަދިޔާކުރުން.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސީނިއާ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މިއީ، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ.
"ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކްލީން މޯލްޑިވްސްއާ ގުޅިގެން މި ހިންގުނު ހަރަކާތަކީ، ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް،" ބިޝާރާ ވިދާޅުވިއެވެ.
ކްލީން މޯލްޑިވްސްގެ ފައުންޑަރު އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވީ ސަސްޓެއިނަބިލިޓީއަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ގޯގްރީން2025 މެދުވެރިކޮށް މި ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަށްވުރެ ފެހި، ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
ދިރާގުން ބުނީ މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުޖުތަމައު އިތުރަށް ބާރުވެރިކޮށް، ދިގު މުއްދަތަކަށް މި ހަރަކާތްތަކުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ