ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ކަނޑައަޅައިފި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މި އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އުންމީދަކީ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި އެ ހިދުމަތް ތައާރަފު ކުރުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޓެކްސީ ލައިންގެ ވެހިކަލްތައް ޕާކުކުރަން ކަނޑައަޅާފައިވާ ސަރަހައްދަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިންނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ޒިޔާރަތް ކުރެއްވި ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، ޓެކްސީ ލައިންގެ ވެހިކަލްތައް ޕާކުކުރަން ބިމެއް ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 3 އިން މިހާރު ހިއްކާފައިވާ ސަރަހައްދުން ކަމަށެވެ. އަދި އެ ހިދުމަތަށް ބޭނުންވާ ވެހިކަލްތައް މިހާރު އޮތީ ޕްރޮޑަކްޝަން މަރުހަލާގައި ކަމަށާއި އުއްމީދަކީ އޮގަސްޓް މަހުގެ ފަހުކޮޅު ހިދުމަތް ފެށުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގަ ބޭނުންކުރާނީ 100 ޕަސެންޓު ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. އޭގެތެރޭގައި ތިން ސައިޒެއްގެ ވެހިކަލް ހިމެނެއެވެ. އެ ހިދުމަތަކީ 24 ގަޑިއިރުގެ ދިނުމަށް ހަމަޖެހިފައިވާ ހިދުމަތެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ޓެކްސީ ލައިނުގެ ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ.

ފުރަތަމަ ފިޔަވަހީގައި މި އަހަރު ހިދުމަތް ފަށާނީ މާލެ އާއި ހުޅުމާލެ އަދި ހުޅުލޭގައެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 އާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް ދަތުރުތައް ކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި ރަސްމާލެ އާއި ގިރާވަރުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ތިން ވަނަ ފިޔަވަހީގައި ދަތުރުތައް ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

2028 އާއި 2029 ވަނަ އަހަރު ކުޅުދުއްފުށި ސިޓީއަށް ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ވެސް މިސަރުކާރުން ޕްލެންކޮށްފައިވެއެވެ.