މިދިޔަ ހަފުތާގައި ސްކޭމްކޮށްގެން އެކި މީހުންގެ އަތުން 673،402 ރުފިޔާ ފޭރިގެންފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން އާންމުކުރި މިދިޔަ މަހުގެ 27 އިން މި މަހުގެ ދެވަނަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ސްކޭމްގެ 35 މައްސަލަ ހުށަހަޅައިފައިވެއެވެ. އެއީ، އީ-ކޮމާސް ސްކޭމްގެ 18 މައްސަލަ، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ އަށް މައްސަލަ، ވިޝިން ސްކޭމްގެ ފަސް މައްސަލައިގެ އިތުރުން ފިޝިން ލިންކް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ ދެ މައްސަލައެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނިގޮތުގައި މިދިޔަ ހަފުތާގައި ސްކޭމްކޮށްގެން ގެއްލުނު ފައިސާގެ ތެރެއިން 142،851 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

އެ ސެންޓަރުން ބުނީ ގެއްލުނު ފައިސާގެ އެއްކޮށް ހޯދައިދީފައިވަނީ ނުވަ މައްސަލައެއްގައި ކަމަށެވެ. އަދި ދެ މައްސަލައެއްގައި ގެއްލުނު ފައިސާގެ ބައެއް ހޯދައިފައިވާ ކަމަށެވެ.

ސްކޭމަރުން އެންމެ ގިނައިން ސްކޭމް ހިންގަނީ ފޭސްބުކް މާކެޓްޕްލޭސްގައި ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ. އެގޮތުން އެފަދަ 15 މައްސަލަ ހުށަހަޅާފައިވާ އިރު، ވައިބާ، ފޯންކޯލް، ވަޓްސްއަޕް، ފޭސްބުކް، މެސެންޖާ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ބޭނުންކޮށްގެންވެސް ސްކޭމް ހިންގާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.