ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލްގެ ފީސިބިލިޓީ މަރުހަލާ ނިންމުމަށްފަހު ތަފުސީލީ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓްގެ ނަމުގައި ވިލިމާލޭގައި ހަދާނީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެކެވެ.

އެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ޗައިނާ ސަރުކާރާއެކު ސޮއިކުރީ 22 މެއި 2024 ގައެވެ. އެ މަސައްކަތް ނިންމައި، ނިންމިކަމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ 17 އޮކްޓޯބަރު 2024ގައެވެ.