ލ. މަހަކަންފުށި ކައިރިއަށް މަސް ހިފަން ފާބައިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ލ. ގަން ކައުންސިލުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދަނީ ލ. ގަން، ތުނޑީ ފެސްފަރީ، އަބްދުލްސަމަދު މުހައްމަދު (ސަމަދު) ކަމަށެވެ.

ގަން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ވަން" އަށް މިއަދު ވިދާޅުވީ ސަމަދު ދާ ޖަހައިގެން މަސް ހިފަން ގޮސްފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ސަމަދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމްއެންޑީއެފަށް އެކަމުގެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެފަހުން އަހުމަދު ޒަކީ "ވަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސަމަދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއެވެ.

ސަމަދުގެ ހަށިގަނޑު މިހާރު އޮތީ ލ. ގަން ހޮސްޕިޓަލުގައެވެ.