ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށާއި، އެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

އެމްއޯސީގެ އިންތިހާބީ ކޮންގްރެސް އޮތީ އިއްޔެ ހ. މީރުމާ ހޮޓަލުގައެވެ. މިއަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް އެމްއޯސީ އެކްސްކޯގެ މަގާމުތަކަށް މީހުން ހޮވާފައިވާ އިރު، ކުރިއަށް އޮތް ދައުރުގެ ރައީސަކަށްވެސް ހޮވިފައި ވަނީ މިހާރުގެ ރައީސް، ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރެވެ.

ނައިބު ރައީސުންގެ މަގާމަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަހުމަދު އިސްމާއިލް ހޮވާފައިވާ އިރު، އެ މަގާމަށް ކުރިމަތިލި ތިން ކެނޑިޑޭޓުންގެ ތެރެއިން ނުހޮވުނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ)އެވެ.

އިއްޔެގެ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައްތާރު ވިދާޅުވީ މިހާރުވެސް ދެ އެސޯސިއޭޝަނެއްގެ ހާލަތު އޮތީ ގޯސްކޮށް ކަމަށެވެ.

"މިހާރު މިސާލަކަށް ދެ ކުޅިވަރެއް މިއޮތީ ނޯމަލައިޒޭޝަނަށް ގޮސްފަ. އެހެންވެ އަޅުގަނޑުމެން ބޭނުންވޭ ވަރަށް ބޮޑަށް، ކުޅިވަރު ތެރޭގައި މިހާރު މިކަހަލަ ކަންތައްތައް ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުމަށް." ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހާލަތަށް ސައްތާރު ބުންޏެވެ.

ސައްތާރު އިއްުޔެ ވިދާޅުވީި، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެޑްމިނިސްޓްރޭޓިވް މައްސަލަތައް ހައްލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީ، ގަވާއިދުން ފައިސާގެ ރިޕޯޓުތައް އެކުލަވާލާ އޮޑިޓް ކުރިކަން ޔަގީންކުރަން އެމްއޯސީން މަސައްކަތް ކުރާނެ ކަމަށެވެ.