ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރުވެސް ހަ ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީ މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މިއީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެމުންގެންދާ އެހީގެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.
އެ ސްކޮލާޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ހަ ސްކޮލާޝިޕް ކަނޑައަޅާނީ ޖަޕާނުގެ ކޮލެޖުތަކުން ލިބެން ހުރި ކޯސްތައް ބެލުމަށްފަހުގައި ކަމަށެވެ. އަދި މި އަހަރުގެ ތާރީހެއްްގައި އެ ސްކޮލާޝިޕްތަކުގެ ތަފްސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރާނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަނާއި ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސިވިލް ސާވިސް ކޮމިޝަނުންނާއި ޖަޕާނު އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފާތިމަތު ލިއުޝާ
މަތީ ތައުލީމު
މަތީ ތައުލީމު
މަތީ ތައުލީމު
މަތީ ތައުލީމު