ސަރުކާރުގެ ސްކޮލާޝިޕްގައި ކިޔަވައިގެން ގައުމަށް އެނބުރި އައިސް ހިދުމަތްކުރަން ނާންނަ ފަރާތްތަކުން، ގަބޫލުކުރެވޭ ފަދަ އުޒުރެއް ނެތް ހާލަތުގައި، ދައުލަތަށް ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސްކޮލާޝިޕްގައި ހިލޭ ކިޔެވުމަށްފަހު ކިޔަވައިގެން ރާއްޖެ އަންނަ ކުދިން ވަރަށް މަދު ކަމަށާއި، އެއީ ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށެވެ. މި ނިންމެވުމާ ގުޅޭގޮތުން "އަންޕޮޕިއުލާ ވިޔަސް، ގައުމަށް އިހުލާސްތެރިވެ އެކަމެއް ކުރާނަން" ކަމަށް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރު 2.6 ބިލިއަން ރުފިޔާ ހަރަދުކޮށް 11،000 ދަރިވަރުންނަށް ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ޑޮކްޓަރުކަމާއި ނަރުސްކަމާއި އިންޖިނިއަރިން، އެކައުންޓިން ފަދަ ދާއިރާތަކުން ދަރިވަރުން ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.

އޯ ލެވެލް ނިންމާފައި އޭ ލެވެލްއަށް ދާ ދަރިވަރުންގެ ނިސްބަތް ކުރިން 37 އިންސައްތައިގައި ހުރި ނަމަވެސް، އެ އަދަދު މިހާރު 46 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ލޯނު ދިނުމުގައި ޝަރުތު ހަމަވާ ކޮންމެ ކުއްޖަކަށް ލޯނު ދެމުންދާ ކަމަށާއި، މަތީ ތައުލީމުގެ ކެމްޕަސްތައް ހެދުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޒުވާނުން ބިނާކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ނިންމި ދަރިވަރުންގެ އަދަދު 1028 އަށް އަރާފައިވާ ކަމަށާއި، ކޮންމެ އަހަރަކު މަދުވެގެން 1000 ކުދިން ބައިވެރިކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ އަދަދު 1500 އަށް އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. "ގައުމު ދެކެ ލޯބިވާ، ވަފާތެރި، ޒުވާނެއް ބިނާކުރުމަކީ މާބޮޑު ކަމެއް އިމާރާތަކަށްވުރެ" ކަމަށް ރައީސް ވިދާޅުވިއެވެ.