އޮސްޓްރޭލިއާއިން އެގައުމުގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފިއެވެ.

އޮސްޓްރޭލިއާއިން ރާއްޖޭގައި ހައިކޮމިޝަނެއް ހުޅުވުމަށް ނިންމައި އެކަމުގެ ތައްޔާރީތައް ދިވެހި ސަރުކާރާ ގުޅިގެން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

އޮސްޓްރޭލިއާގެ ނައިބު ބޮޑު ވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ހައިކޮމިޝަން ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް އޮސްޓްރޭލިއާއިން ސަފީރަކު ކަނޑައަޅައިފައިވީ ނަމަވެސް އެ ބޭފުޅާ ހުންނަވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީގައެވެ. އޮސްޓްރޭލި އާއި ރާއްޖެއާ ދެމެދު މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދިޔައީވެސް އެ އެމްބަސީއެވެ.

ނަމަވެސް ރާއްޖެއާ އެކު އޮންނަ ގުޅުން ވަރުގަދަވަމުންދާތީ އޮސްޓްރޭލިއާއިން ރާއްޖޭގައި އެމްބަސީއެއް ހުޅުވުމަށް ނިންމީއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށްވެސް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އޮސްޓްރޭލިއާއިން ފޯރުކޮށްދޭ ސްކޮލާޝިޕްތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ.

އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ މިހާރު ސަރުކާރުގެ އެންމެ އިސް މަގާމުތައް އަދާކުރައްވަމުން ބައެއް ބޭފުޅުން ކަމަށެވެ. އަދި ބައެއް ދަރިވަރުންނަކީ ކާމިޔާބު ވިޔަފާރީވެރިންކަމަށް އޮސްޓްރޭލިއާއިން ބުންޏެވެ.