އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި ބާއްވަން ނިންމާފައިވާ 'ފަން ރަން'ގެ ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން އުރީދޫ 'ފަން ރަން' އައްޑޫ އެޑިޝަން އޮންނާނީ މި މަހު 27 ގައި އެ ސިޓީގެ މަރަދޫގައެވެ. އެ ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 11:59 އެވެ.

ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އުރީދޫގެ "މޫލީ" ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ދުވުމަށް ރަޖިސްޓްރީ ކުރާ މީހުންނަށް ދެ ކިޓެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއީ އެއީ 210ރ. އަށް ވިއްކާ ފަން ކިޓަކާއި 110ރ. އަށް ވިއްކާ ސްޓޭންޑާޑް ކިޓެކެވެ. "ފަން ކިޓު"ގައި ހިމެނޭނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބެންޑޭނާއެކެވެ. "ސްޓޭންޑާޑް ކިޓް"ގައި ހިމެނެނީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެކެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އުރީދޫ 'ފަން ރަން' ގައި ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ދުވުމެކެވެ.

އުރީދޫން ބުނާ ގޮތުން ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އެގޮތުން އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމި ދާނެ އެވެ.