އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ހާއްސަ "ފަށާ މަދަދު ލޯނު" ގެ ދެވަނަ ފިޔަވަހި މި މަހު ފަށަން ނިންމާފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެސްޑީއެފްސީން އިއްޔެ ބުނީ "ފަށާ މަދަދު" ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މިމަހުގެ 15ވަނަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެ ފުރުސަތު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލެ ކަމަށެވެ.

މިކަން ކުރިޔަށްގެންދަނީ އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެނެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިޔަ މާކެޓް --- ފޮޓޯ/ ބީސީސީ

"އެ ލޯނުސްކީމުގެ ދަށުން ބައި މިލިޔަން (-/500،000) ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައިކަމަށާއި ގްރޭސް (އިންޓްރަސްޓު ނާރާގޮތަށް) މުއްދަތަކީ އެއް އަހަރު ދުވަސް. ލޯނު އަނބުރާދެއްކުމަށް ކަނަޑައަޅާފައިވާ މުއްދަތަކީ ހަތް އަހަރު ދުވަސް. ލޯނު އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހެނީ އަހަރަކު 6 ޕަސެންޓު. " އެސްޑީއެފްސީން ބުންޏެވެ.

ލޯނު ނަގާއިރު ބަދަލުގެ ގޮތުގައި އިތުރު އެއްޗެއް ނުވަތަ މުދަލެއް ބަހައްޓާކަށް ނުޖެހޭނެ ކަމަށާއި އެ ލޯނު އަމާޒުކޮށްފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި ހިންގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރަކު އާމްދަނީގެ ގޮތުގައި އެއް މިލިޔަން ރުފިޔާއަށްވުރެއިން އިތުރުނުވާ ވިޔަފާރިތަކަށެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސްކީމްގައި ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށާއި ޖުމްލަ ފައިސާގެ 25 އިންސައްތަ ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށްވެސް އެ މުވައްސަސާއިން ބުންޏެވެ.