އޮސްޓްރޭލިއާއިން ރާއްޖޭގެ ކޯސްޓުގާޑަށް ޕެޓްރޯލް އުޅަނދަކާއި "މަލްޓި ބީމް އެކޯ ސައުންޑާ" އެއް ހަދިޔާކުރަން ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ނައިބު ބޮޑު ވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް "ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓް" އަކާއި "މަލްޓި ބީމް އެކޯ ސައުންޑާ" އެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެތަކެތި ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

އެ ޕެޓްރޯލް ބޯޓާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ގަވާއިދާ ހިލާފު ކަންކަން ހުއްޓުވަން އިތުރު ބާރަކަށް ވެގެންދާނެއެވެ. އަދި ރާއްޖޭގެ ކޯސްޓް ގާޑުގެ ހައިބަތު ދެ ގުނަ އިތުރުކުރަން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ވެސް އިތުރަށް ގާތްވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ޕެޓްރޯލް އުޅަނދު މިހާރު ވަނީ ބަންނަން ފަށައިފައެވެ. އޭގެ މަސައްކަތް ނިމެނޭ ކަމަށް ލަފާކުރަނީ 2026ގެ ނިޔަލަށެވެ. އަދި އެ ބޯޓުގެ މެއިންޓެނެންސް އާއި އެހެން ކަންކަމަށް ބޭނުންވާ އެހީތެރިކަން ރާއްޖެއާ ގުޅިގެން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހައިޑްރޯގްރަފީގައި ބޭނުންކުރާ "މަލްޓި ބީމް އެކޯ ސައުންޑާ" އާއި މި ވަސީލަތަކާ އެކު ރާއްޖެއަށް ކަނޑުއަޑީގެ ޗާޓު ކުރެހުމުގެ ގާބިލުކަން އިތުރުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.