ރައީސް ޑރ. މުހައްމަދު މުއިއްޒު، އިޓަލީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޓަލީގެ ރައީސް ސާޖިއޯ މަޓާރޭލާއަށާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށާއި ސަރުކާރަށާއި އަދި އިޓަލީގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

އިޓަލީގެ ރައްޔިތުންނަކީ ޑިމޮކްރަޓިކް އަސާސްތައް ދަމަހައްޓަން މަސައްކަތް ކުރާ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖާ އާއި އިޓަލީއަކީ ޒަމާންވީ ދެ އެކުވެރި ގައުމު ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގުޅުން އާ ހަރުފަތަކަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެ އާއި އިޓަލީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ.

ރައީސް، އިޓަލީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވި އިރު، ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.