އިޓަލީގެ އެޓަލާންޓާގެ ކޯޗުކަމުގައި މިދިޔަ ނުވަ އަހަރު ހޭދަކުރި ޖިއާން ޕިއޭރޯ ގަސްޕެރީނީ، އެ ކްލަބު ދޫކޮށްލި ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަސް ތެރޭގައިވެސް ގަސްޕެރީނީ ވަނީ އެޓަލާންޓާ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން އޭނާ ބުނީ މިހާރު ކްލަބާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން އެއްބަސްވުން އާ ނުކުރާނެ ކަމަށެވެ. އެއީ ޖޫން މަހުގެ ނިޔަލަށް އޮތް އެއްބަސްވުމެކެވެ.

އެ އެއްބަސްވުން ހަމަވާން ގާތްވެފައިވާ އިރު، ސީޒަން ނިމުމާއެކު ގަސްޕެރީނީ ވަނީ އަސަރުގަދަ މެސެޖަކާއެކު އެޓަލާންޓާއާ އަލްވަދާއު ކިޔައިފައެވެ.

"އެޓަލާންޓާއާ އަލްވަދާއު ކިޔުމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫން. އެކަމަކުވެސް އެންމެފަހު ގަޑިއިރެއްހާއިރު ތެރޭގައި މި ނިންމީ އެޓަލާންޓާ ދޫކޮށްލަން. އަހަންނަށް މި ނިންމުން އުނދަގޫވީ މިދިޔަ ނުވަ އަހަރު ދުވަހު ހޭދަކުރެވުނު އުފާވެރި ދުވަސްތައް ހަނދާން ނައްތާލަން އުނދަގޫވާނެތީ،" ގަސްޕެރީނީ ބުންޏެވެ.

ގަސްޕެރީނީ ބުނީ "ގުޑް ބާއީ" ކިޔުމަކީ އޭނާ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި، ކްލަބު ދޫކޮށް ދާނީވެސް އެކަން ނުކޮށް ކަމަށެވެ.

އުމުރުން 67 އަހަރުގެ ގަސްޕެރީނީ އަކީ އެޓަލާންޓާގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. މިދިޔަ ނުވަ އަހަރު ތެރޭގައި އޭނާ ވަނީ އެ ކްލަބަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު އެޓަލާންޓާއަކީ އިޓަލީ ލީގު ތަށްޓަށްވެސް ވާދަކުރި ޓީމެކެވެ.

އޭގެ އިތުރުން ގަސްޕެރީނީއާއެކު އެޓަލާންޓާއިން ވަނީ 2024 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ހަބަރުތައް ބުނެފައި ވަނީ ގަސްޕެރީނީ ދެން ހަވާލުވާނީ ރޯމާއަށް ކަމަށެވެ.