ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ފައިނަލަށް ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ދިގުވާނޑޮ ދަތުރުކޮށްފިއެވެ.
ޖުމުލަ 10 ޓީމާއެކު ކުރިއަށްދާ ބޮޑުބެ ޗެލެންޖްގެ ގްރޫޕް ސްޓޭޖު ކުރިއަށް ގެންގޮސްފައިވާ އިރު، ރޭ ވަނީ ފޯރިގަދަ ސެމީ މެޗުތައް ކުރިއަށް ގޮސްފައެވެ.
ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިން މުބާރާތުން ފެނިގެންދާ އިރު، މާދަޑު ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދަޑިމަގުން އައްޔަނި އެސްސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ވާދަވެރިކޮށް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ މާއިސް (މައްޓު) ޖެހި ގޯލާއެކު ދަޑިމަގުން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފުގައި އެ ޓީމުގެ ދެވަނަ ގޯލު ޖެހީ ސާމިން މުހައްމަދު ނަސީރެވެ.
އެ ގޯލާއެކު ދަޑިމަގުން ފައިނަލް ޔަގީންކުރި އިރު، އެޓީމާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޔުނައިޓެޑު ދިގުވާނޑޮ ރޭ ކުޅުނު ސެމީގައި ހޯދަޑު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މޫސާ އަޒީމް ހަސަންއެވެ.
ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާރޭގައެވެ.
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް