ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ތަފާތު ބޮޑުކޮށް އިންޓަ މިލާން ބަލިކޮށް، ޕީއެސްޖީން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ފައިނަލުގައި ޕީއެސްޖީން އިންޓަ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ޕީއެސްޖީން 2019-20 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރޭ ނުކުމެފައިވާ އިރު، ކުރިން ކުޅުނު ފައިނަލުގައި ބަލިވެފައި އޮތީ ބަޔާން މިއުނިކް އަތުންނެވެ. އޭގެފަހުންވެސް ޕީއެސްޖީ ދެ ފަހަރަށް ސެމީގައި ކުޅުނު ނަމަވެސް، ތަށްޓެއް ނުލިބި އޮތް އިރު، ލުއިސް އެންރިކޭ ހަވާލުވެ ޓީމަށް ގެނައި ބަދަލު ފެނުނީ ރޭގެ ފައިނަލުންނެވެ.
މި ސީޒަނުގެ ޑޮމެސްޓިކް ދެ ތަށިވެސް ޕީއެސްޖީން ހޯދާފައިވާ އިރު، މުޅިން އާ ޖީލަކާއެކު ހޯދި ޗެމްޕިއަންސް ލީގު ތަށި އެޓީމަށް ހާއްސަ ވަނީވެސް އިންގިލާބީ ތަށްޓަކަށްވީތީއެވެ.
މެޗު ފެށިގެން ޕީއެސްޖީން ފުލުފުލުގައި ޖަހާލި ގޯލުތަކުންވެސް އެޓީމުން ތަށި ނަގާނެކަން ރޭ އެނގިގެން ދިޔައެވެ. އަޝްރަފް ހަކީމީއާއި ޑިސައިރޭ ޑޫއޭ ޖަހައިދިން ގޯލުތަކުން ޕީއެސްޖީން ކުރީކޮޅުގައި ލީޑު ނެގި އިރު، އުމުރުން އެންމެ 19 އަހަރުގައި ޑޫއޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
އެ ތަފާތާއެކު ޕީއެސްޖީން ނުރައްކާ ކުރަމުން ހާފު ނިންމާލި އިރު، ދެވަނަ ހާފުގައިވެސް އިންޓައަށް އެޓޭކެއް ކުރާކަށް މާ ބޮޑު ޖާގައެއް ނުލިބުނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އުފެއްދި ކައުންޓާއެއްގައި ޑޫއޭ އިތުރު ގޯލެއް ޖަހައި ޕީއެސްޖީގެ ލީޑު ފުޅާކޮށްދިން އިރު، އޭގެފަހުން ކަވީޗާ ކަވަރަޓްސްޝޭލިއާ އާއި ސެނީ މަޔޫލޫ ޖެހި ގޯލުތަކުން ޕީއެސްޖީ ތަަށި ޔަގީންކުރިއެވެ. އެއީ އުމުރުން އެންމެ 19 އަހަރުގެ ކުޅުންތެރިއެކެވެ.
އެންރިކޭ މީގެ ކުރިން 2015 ވަނަ އަހަރު ބާސެލޯނާއާއެކު ޔޫރަޕްގެ ތަށި ހޯދާފައިވާ އިރު، އޭނާއަކީ ދެ ކްލަބަކާއެކު އެކަން ހާސިލުކުރި ހަވަނަ ކޯޗެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު