އިންޑިއާގެ ފައިޓަރު ޖެޓުތައް ވެއްޓުނުކަމަށް އެ ގައުމުން އެއްބަސްވެއްޖެއެވެ.
އިންޑިއާގެ މިލިޓަރީން އެކަމަށް އެއްބަސްވެފައިވަނީ އިއްޔެ ބްލޫމްބާގްގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް އެ ގައުމުގެ އާމްޑް ފޯސްގެ ޗީފް ޑިފެންސް ސްޓާފް އަނިލް ޗައުހާން ދެއްވި ޖަވާބުގައެވެ.
ޗައުހާން ވަނީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުމުގައި އިންޑިއާއިން ބޭނުން ކުރި ފައިޓާ ޖެޓުތަކުގެ ތެރެއިން ހަ ޖެޓެއް ޕާކިސްތާނުން ވައްޓާލާފައިވާކަމަށް އެއްބަސްވެވަޑައިގެންފައެވެ.
އިންޑިއާއިން އެއްބަސްވި ނަމަވެސް މީގެ ކުރިން އެ ގައުމުގެ އޮފިޝަލުން ވަނީ އެކަން ދޮގުކޮށް ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޗައުހާން ވަނީ އިންޑިއާގެ ޖެޓުތަކެއް ވެއްޓިފައިވަނީ އެ ތަކެތި އޮޕަރޭޓް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށްވެސް އެއްބަސްވެވަޑައިގެންފައެވެ. އަދި އެކަން ރަނގަޅުކޮށް ޖެހިގެން އައި ދުވަހު ފޮނުވި ހުރިހާ ޖެޓުތައްވެސް ސަލާމަތުން އައި ކަމަށް ޗައުހާން ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުން ވަނީ އިންޑިއާގެ ފައިޓާ ޖެޓުތައް ވައްޓާލާފައިވާކަމަށް މީގެ ކުރީން ބުނެފައެވެ. އޭގެ ތެރޭގައި ފްރާންސުން އުފައްދާފައިވާ އެޑްވާންސް ރަފޭލްސް ޖެޓުތައްވެސް ހިމެނޭ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
ޕާކިސްތާނުން ވަނީ އެ ހަމަލާތައް ދީފައިވަނީ އެ ގައުމުގައި ބޭނުންކުރާ ޗައިނާއިން އުފައްދާފައިވާ ޖެޓުތައް ބޭނުންކޮށްގެން ކަމުގައި ފާހަގަކޮށްފައެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރަން ފަށާފައިވަނީ މިމިދިޔަ މަހުން ފެށިގެން ދެގައުމު ދެމެދު ކަޝްމީރު ސަރަހައްދުގައި މަޝްރަހު ގޯސްވެގެންނެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު