ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެ އިން ސައުދީ އަރަބިއާ އަށް ދިޔަ 1،000 ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަން އިން ބުނެފި އެވެ.

ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕް މައްކާ އަށް ގޮސްފައިވަނީ އިއްޔެ އެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ހައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންގޮސްފަ އެވެ. އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔަ އެވެ.

ހައްޖު މިޝަން އިން ބުނީ، ދިވެހި ހައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ހައްޖުވެރިންނާއި ގުޅޭ ކަންކަން ސައުދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަން އިން ކުރަމުން އަންނަ ކަމަށެވެ.

މި އަހަރުގެ އަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.