"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ކުންފުންޏެއް އުފައްދަވައިފިއެވެ.

މިއީ "ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާގެ ދަށުން، ރައީސް އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފައްދަވާފައިވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމުގެ އިތުރުން އެކަންކަން ތަންފީޒު ކުރުން ކަމަށެވެ.

"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 10،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީގޮތުން އަމިއްލަ ޝަހުޝެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.