ހުޅުމާލެ ހޮސްޕިޓަލު ބިމުގައި 250 އެނދުގެ އާ އިމާރާތެއް ކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު އިއްޔެ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލަކީ، އެތަނަށް މިވަގުތު ބޭނުންވާ ވަރަށްވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށާއި ނަމަވެސް، ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފަށައި އަދި އިތުރު ހިދުމަތްތައް އެ ހޮސްޕިޓަލަށް އިތުރު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތް މިހާރު ދެގުނަ ބޮޑުކޮށްފައި ވާނެ ކަމަށާއި އެގޮތުން އިމެޖެންސީގައި ކުރީން ހަތް އެނދު ހުރި ނަމަވެސް މިހާރު 14 އެނދަށް އިތުރު ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލަސިސް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަަމަށާއި އެ މަސައްކަތް މިއަހަރުގެ ޖުލައިއަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އިތުރު ވަރަށް ގިނަ ކަންތައްތައް ކުރަން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެންބަރާ ހަމަޔަށް ދާންވާއިރަށް، އިތުރު 24 އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ. އަދި ޖުމުލަކޮށް މުޅިން ހަމަ ވަކި އިމާރާތެއް، ވަކި ހޮސްޕިޓަލެއް، ހުޅުމާލެ ހޮސްޕިޓަލްގެ ތެރެއަށް އިތުރުވާ ވަކި ބިލްޑިންއެއް، 250 އެނދުގެ ހޮސްޕިޓަލް އެކްސްޕޭންޝަނެއްވެސް ގެނައުމަށް އަޅުގަނޑުމެން މިހާރު އިނީޝިއަލް، ނޫނީވިއްޔާ ފުރަތަމަ މަރުހަލާގެ ތެރޭގައި ކުރިއަށް މިދަނީ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ތިންފިޔަވަހި އެއްކޮށްގެން ބަލާއިރު ހުޅުމާލެއަކީ 300،000 އެއްހާ މީހުންގެ އާބާދީއަކަށް ބަލައިގެން ޕްލޭން ކުރެވޭ ތަނެއް ކަމަށެވެ. އޭގެތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން މިހާރު ވަނީ ހުޅުމާލޭގައި ދިރިއުޅެން ފަށައިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ހުޅުމާލޭ ސިއްހީ ވަސީލަތްތައް ތަރައްގީކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ މިއަންނަ އަހަރު ވަރަށް ބޮޑުތަނުން ރަނގަޅު ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ ތަރައްގީއަކީ އެ މަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ އެއް ދާއިރާ ކަމަށެވެ. ސިއްހީ ހިދުމަތުގެ ފެންވަރާއި އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ގޮތުން މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރަށްރަށުގައި ވަރަށް ގިނަ މަސައްކަތް ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މާލޭ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ޕަސަންޓެއް ދިރިއުޅެމުން އަންނަ ސަރަހައްދު ކަމަށާއި ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ނިމި މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ހިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށެވެ.