މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހުމާންދާރީގައި އެ ގައުމުގެ ހަރަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމަަށް ރައީސް ވަޑައިގަންނަވަނީ ރާއްޖެއަށް ދީފައިވާ 1،000 މީހުންގެ ކޯޓާގެ ތެރެއިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، މިއަދު ބޭއްވި "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ، ދޮގު ވާހަކަތައް ފެތުރުމަކީ "ދެރަކަމެއް" ކަމަށާއި ހައްޖަށް ވަޑައިގަންނަވަނީ، ރާއްޖޭގެ އެހެން ވެރީންނަށްވެސް ސައުދީ ރަސްގެފާނު ދެއްވާ ހާއްސަ މެހުމާންދާރީގައި ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ދަތުރުފުޅުތަކުގެ ހުރިހާ ހަރަދެއްވެސް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ކަމަށެވެ.

"ދެން އަނެއްކާ އޭގެ އިތުރަށް ދަންނަވާލަން އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް ކަންކަން ހަމަޖައްސައިދީފަ މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށްދީފައި، ހަމަޖައްސައިދީފައި. އެއީ ވެސް ސަރުކާރުން އެއްވެސް ހަރަދެއްކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ސައުދީ ސަރުކާރުގެ އެހީގައި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބުމާއި މިނާގެ ފެންވަރު ރަނގަޅުކޮށް ކެޓަގަރީ ބީއަށް ބަދަލުކުރުން ހިމެނެއެވެ.

"އެންމެ ފަހާ ޖެހެންދެންވެސް އަޅުގަނޑުމެން މި ތިބެން ޖެހެނީ (މިނާގައި) ވަރަށް އާދައިގެ ޓެންޓުތަކެއްގައި، ކެޓަގަރައިޒް ކުރެވިފައި ހުންނައިރު ތިބެން ޖެހެނީ ތަންކޮޅެއް އާދައިގެ ގޮތަކަށް. ނަމަވެސް އެކަމަށްވެސް ނިމުމެއް ގެނެސްދެއްވައި އަޅުގަނޑުމެންނަށް މިވަނީ ވަރަށް ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވައިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ހައި-ސްޕީޑް ރޭލުގައި ކަމަށެވެ. އެކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ، ބަލިތަކުންވެސް ރައްކާތެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.