މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ރައީސް އެގޮތަށް ނިންމެވީ މިއަދު ވަގުތެއްގައި ނެރުއްވި ދެންނެވުމަކުން ކަމަށެވެ.
ރައީސް އެގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މިހާރު ވަނީ ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ހިމަނާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް ސާވިސްއާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ނޭޝަނަލް ސާވިސްއާ ގުޅޭގޮތުން އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ނޭޝަނަލް ސާވިސްއަށް މީހުން އެންރޯލް ކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރުމާއި ނޭޝަނަލް ސާވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި ނޭޝަނަލް ސާވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި އެ ނިޒާމު ތަންފީޒު ކުރުމާއި ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާ ގޮތް ބެލުމުގެ އިތުރުން އެ ނިޒާމު ތަރައްގީ ކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް ޑިފެންސް މިނިސްޓްރީގެ މަސައްކަތުގެ ގޮތުގައި ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑިފެންސް މިނިސްޓްރީގެ ދަށަށް ނޭޝަނަލް ސާވިސްގެ ކަންކަން ބަދަލުކުރި އިރު، ރައީސް އޮފީހުން މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނުކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަހުލާގު ރަނގަޅު، ގައުމަށް ފައިދާ ހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް