ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑް ލިބިއްޖެ އެވެ.

ޓްވިމްބްޓް ޓެލެކޮމް އެވޯޑްސް އަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ ދެ މިލިއަނަށް ހަމަނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓާސްއެވެ.

މިއީ އުރީދޫއަށް ސްމޯލް މާކެޓްސްގެ ޝަރަފު ވިދިވިދިގެން ލިބުނު ދެވަނަ އަހަރެވެ. އުރީދޫއަށް އެ އެވޯޑް ލިބުނީ ރާއްޖޭގެ ދިރާގު، ބްރޫނާއީގެ ޑީއެސްޓީ، ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.

ވާދަވެރިކަން ބޮޑު ކެޓަގަރީއެއްގެ ގޮތުގައި ފާހަގަކުރެވޭ އެ ކެޓަގަރީގެ އެވޯޑު އުރީދޫއަށް ލިބުނީ އެ ކުންފުނީގެ ޑިޖިޓަލް އިނޮވޭޝަނާއި އިންކްލޫސިވް ހިދުމަތްތަކާއި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތައް ފާހަގަކޮށެވެ.

އަދި އެކުންފުންޏަށް އެ އެވޯޑު ކާމިޔާބުކުރެވުނީ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަނާއި އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މުޖުތަމައު ތަރައްގީކުރުމަށް ހިންގާ ކޮމިއުނިޓީ ގިނަ އިނިޝިއޭޓިވްތަކުގެ ސަބަބުން ކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ޖެހިޖެހިގެން ދެވަނަ އަހަރު އެ އެވޯޑް އެ ކުންފުންޏަށް ލިބުމަކީ ޓީމަށް ލިބުނު ފަހުރެއް ކަމަށާއި އެކަމުން ހަގީގަތުގައިވެސް ދައްކުވައިދެނީ ރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އުރީދޫން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މި އަގުވަޒަންކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް، އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތައް އިހުނަށްވުރެ ރަނގަޅުކޮށް، މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ދޭތީ. ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި ޓެކްނޮލޮޖީގެ ޒަރިއްޔާ އިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ދެމި އޮންނާނެ." ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.