ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި އަލިފާން ރޯވީ އެ ގުދަނުގެ ވެރިފަރާތް ކަމަށްވާ ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުންކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެ އަލިފާނުގެ ހާދިސާގައިވަނީ ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ ނިޔާވެފައެވެ. ޝައުނާއަކީ ތިލަފުށީގޭގެ ކުރިމަތީގައި ހުރި ހ. ރަނދުވާގޭގައި ދިރިއުޅުނު މީހެކެވެ. އެ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި އެހެން ތިން ގެއްގައި ރޯވެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އޭގެ ތެރޭގައި ރަނދުވާގެވެސް ހިމެނެއެވެ. ދެން އަނދައި އަޅިއަށްވީ ހ. އީވާއުގެ، ހ. އީރާނުގެއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގީ ގްރީން ޕާތުގެ އިހުމާލުންކަމަށް ބުނެ އެ ތިން ގޭގެ މީހުން ވަނީ ގްރީން ޕާތްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމީ ގްރީންޕާތާ ދެކޮޅަށެވެ. އެ ނިންމުމުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ރަނދުވާގެ، އީވާއުގެ އަދި އިރާނުގެ ދިރިނޫޅޭ ވަރަށް ހަލާކުވެފައިވަނީ ގްރީން ޕާތުގެ އިހުމާލުންކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، ހުކުމްކުރާ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ގްރީން ޕާތުގެ ފަރާތުން ވަނީ ހައިކޯޓުގައި 10 ޖެނުއަރީ 2022 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު މައްސަލައިގެ ހުކުމް އިއްވައިފައެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ މައްސަލައިގެ ރައުޔުގައި ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ގްރީން ޕާތްގެ ފަރާތުން، ތިލަފުށީގޭގައި ހިންގަމުންދިޔަ ގުދަނުގައި 20 ސެޕްޓެމްބަރު 2019 ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އާއިޝަތު ރަޝީދާގެ ހ. ރަދުވާނިއާގެ، އިސްމާއީލް ރަޝީދުގެ ހ. އީވާއު އަދި މުހައްމަދު ރަޝީދުގެ ހ. އީރާނުގެ، ދިރިނޫޅެވޭވަރަށް ހަލާކުވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އާއިލާތައް މަގުމަތިވެ ނިކަމެތިވެފައިވާތީ، އެކަމުގައި އިހުމާލުވާ ފަރާތެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ.

އެ ދައުވާ އެ ތިން ފަރާތުން ސިވިލް ކޯޓުގައި ކޮށްފައިވަނީ ފުލުހުން އެ ތިން މީހުންނަށް ދޫކޮށްފައިވާ ލިޔުމުގައި، އެ ގެތަކުގައި އަލިފާން ރޯވެފައިވަނީ ތިލަފުށީގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަމަށް ބުނެފައިވާތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުން ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ތައްޔާރުކޮށްފައިވާ "އަލިފާނުގެ ހާދިސާ ރިޕޯޓް" އާއެކު، ގެތަކަށް ލިބިފައިވާ ގެއްލުން ފެނިއެނގޭނެ ފަދަ ފޮޓޯ ހުރި، އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުންގެ ލިޔުމެއް ސިވިލް ކޯޓަށް ހުށަހަޅައިފައި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ރިޕޯޓުތަކާ ގުޅިގެން ގްރީން ޕާތު ބުނެފައިވަނީ އެ ލިޔުންތަކާއި އެހެނިހެން ކަންކަމުން އެނގެނ،ީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތްގެ އިހުމާލުންކަން ނުވަތަ ގުދަން ހިންގުމުގައި ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވުމުގެ ސަބަބުންކަން، އެއްވެސް މިންވަރަކަށް އެ ތިން ފަރާތަށް ސާބިތުކޮށް ނުދެވޭކަމަށް ގްރީން ފާތުން ޝަރީއަތުގައި ބުނެފައިވާކަަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގައި ގްރީން ޕާތްގެ ފަރާތުން ގުދަން ހިންގާފައިވަނީ "ކެމިކަލް ސްޓޯކުރާ ގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު" އާ އެއްގޮތަށްކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ސިވިލް ކޯޓުން ނިންމީ އަދި އެ ކޯޓުން މައްސަލަ ނިންމީ ފުލުހުން ތަހުގީގު ފުރިހަމަކޮށްފައިނުވާ ތަހުގީގަކަށް ބިނާކޮށް ކަމަށް ގްރީން ޕާތުން ފާހަގަކުރި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކަކީ ގްރީން ޕާތްގެ އަލިފާން ރޯވި ގުދަނާ ގާތުގައި ހުރި ގެތަކެއް ކަމަށެވެ. އަދި ގްރީން ޕާތްގެ ގުދަނުގައި ހުރި ތަކެއްޗަކީ މިނިސްޓްރީ އޮފް ޑިފެންސުގެ "ކެމިކަލް ސްޓޯ ކުރާ ގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު" އާ އެއްގޮތަށް ރައްކާކޮށްފައި ހުންނަންޖެހޭ ކެމިކަލެއް ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ގުދަނުގައި ކެމިކަލް ގެންގުޅުމުގައި ރައްކާތެރިވުމުގެ މިންގަނޑެއް އޮތުމުން، ގްރީން ޕާތްގެ ގުދަނާއި ގާތުގައިވާ އަވަށްޓެރިންގެ ރައްކާތެރިކަމަށް ފަރުވާތެރިވުމުގެ ގާނޫނީ ޒިއްމާއެއް ގްރީން ޕާތްގެ މައްޗަށް އޮތްކަން އެނގޭ ކަމަށެވެ.

"އަލިފާނުގެ ހާދިސާއެއް ހިނގުމަށް ބޭނުންވާ ތިން އަސާސްއަކީ ފިއުލް އޮކްސިޖަން އަދި ހީޓް އެނާޖީ ކަމާއި، އަލިފާން ރޯވިއިރު ގުދަން ހުރި ހާލަތާ ގުޅޭގޮތުން ފެންނަން އޮތް ހަގީގަތަކީ، އަލިފާން ފުރަތަމަ ރޯވީ ގުދަނުގައި ކަމާއި ގްރީން ޕާތްގެ ގުދަނުގެ އުތުރުފާރު ކައިރީގައި ހުރި ދަގަނޑު ރެކާއި ކައިރިން އަލިފާނުގެ ޕޮއިންޓް އޮފް އޮރިޖިންގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި ގުދަން ހަދާފައިވަނީ ޓިނުން ކަމަށާއި އަލިފާން ރޯވުމުން ކެމިކަލް ހަންތައްވިރި، މުޅިތަނަށް ކެމިކަލް ފެތުރިގެން ގޮސްފައިވާ ކަމާއި އަލިފާން ރޯވިއިރު ގުދަނުގައި ކަރަންޓު ނެތް ކަމާއި ކަރަންޓު ނެތުމުގެ ސަބަބުން އަލިފާން ރޯވުމަށް ބޭނުންވާ ހީޓް އެނާޖީ ލިބުމުގެ ފުރުސަތު އިތުރުވެފައިވާކަމާއި ގުދަނުގައި ހުރި ކެމިކަލްތަކަކީ ފިއުލްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތިކަމާއި ގުދަނުގެ ތަޅުންގަނޑު ތައްޔާރުކޮށްފައިވަނީ ކެމިކަލްތަކެއް ރައްކާކުރުމަށް އެންމެ އެކަށީގެންވާ ގޮތަށްކަމަށް ނުބެލެވޭ ކަމަށްބަޔާންކޮށްފައިވެއެވެ. މި ކަންކަމަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ 'އަލިފާނުގެހާދިސާ ރިޕޯޓް' އާއި ފުލުހުންގެ ރިޕޯޓާއި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން،" ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކުގައި ދިރިނޫޅެވޭ މިންވަރަށް ހަލާކުވެފައިވަނީ ތިލަފުށީގޭ ގައި ހުރި ގްރީން ޕާތްގެ ގުދަނުގައި އަލިފާން ރޯވުމުގެ ސަބަބުންކަން ބޮޑަށް ބުރަވެވޭ މިންވަރަށް އިސްތިއުނާފު ރައްދުވާފަރާތުން ސާބިތު ކޮށްދީފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގެ ފެށުމަކީ ތިލަ ފުށީގޭގައި ހުރި ގްރީން ޕާތްގެ ގުދަން ކަމަށް ގްރީން ޕާތުން އިންކާރުކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކުގައި އަލިފާން ރޯވެފައި ވަނީ ގްރީން ޕާތްގެ އިހުމާލުންކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައި ވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކަމަށް ދެކެމެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ދީބާނާޒްގެ އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ މި މައްސަލައިގައި އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ދީބާނާޒް ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.