މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް އިން ބޭންކިންގެ ހިދުމަތް ދިނުމަށް ޕްރީ އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން މިއަދު ބުނީ އެމްއެފްއެލްސީ އާއި ބީއައިސީ ބޭންކު މޯލްޑިވްސްއަށް ދޫކޮށްފައިވަނީ ޓިއާ 1ގެ ބޭންކުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ އޮޕަރޭޝަނަލް ހުއްދަ ކަމަށެވެ.

މި ދެ ކުންފުންޏަށް ބޭންކު ހިންގުމުގެ ހުއްދަ ދިނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ހުއްދަ ދިނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންް ބޭންކްގެ ނަމުގައި ޓިއާ 1ގެ ބޭންކަކަށް ބަދަލުކުރުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދިނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1ގެ ބޭންކްއެއް ގާއިމްކުރުމަށެވެ.

އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހަތް ބޭންކެއް ހިންގައެވެ.