އެސޯސިއޭޝަންތަކަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ދޫކުރާ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި މިނިސްޓްރީން ބަލަހައްޓާފައި ނުވާ ކަމަށް ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓްގައި އެހެން ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީހުން އާއްމު ކުރި ސްޕޯޓްސް މިނިސްޓްރީގެ 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ 2018 ވަނަ އަހަރު މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެސޯސިއޭޝަންތަކަށް ޖުމުލަ 36.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ ހަރަދު ކުރި ގޮތް މިނިސްޓްރީން ބަލާފައި ނުވާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާ އިރު، އެ ފައިސާ ހަރަދުކުރާނެ ގޮތެއް މިނިސްޓްރީން އެސޯސިއޭޝަންތަކަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ލިޔެކިޔުމެއް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާ ކަމަށާއި އެ ކަމާ ގުޅޭ ލިޔުންތައް ހޯދަން އެދުމުން އެ ލިޔެކިޔުންތައް ފޯރުކޮށްދެވިފައިވެސް ނުވާ ކަމަށެވެ.
އެއާއެކު އެގޮތަށް އެކަން ދިމާވީ ފައިސާ ހަރަދުކުރި ގޮތް، އެސޯސިއޭޝަންތަކުން ވެސް ބަލަހައްޓާފައި ނުވާތީ އާއި މިނިސްޓްރީން އެކަން މޮނީޓާ ކޮށްފައި ނުވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި އެސޯސިއޭޝަންތަކަށް 2018 ވަނަ އަހަރު ދޫކުރި ފައިސާގެ ތަފްސީލުވެސް ހިމަނާފައިވެއެވެ. އެންމެ ގިނައިން ފައިސާ ދިން އެސޯސިއޭޝަނަކަށް ފެންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. އެއީ 18 މިލިއަން ރުފިޔާއެވެ.
މިނިސްޓްރީގެ އޮޑިޓުގައި، އެސޯސިއޭޝަންތަކަށް ދޭ ފައިސާ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގާފައިވެއެވެ. އަދި ފައިސާގެ ތަފްސީލު ހާމަ ނުކުރާނަމަ، އެސޯސިއޭޝަންތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލަންވެސް އެދިފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް