ހޮޅުދޫ ބޯޓުގައި ރޯވި ހާދިސާގައި ގެއްލިފައިވާ ލ. މާވަށް، އަލީ މުޝްފިގް މުހައްމަދު ޝަރީފް (25އ) ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ އޭނާގެ މަރު ސާބިތުކުރުމުގެ މައްސަލަ މާވަށް މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަނިކޮށް އެޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ރޭ 9:07 އެހާކަންހާއިރު ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި އިރު، އޭގައި ތިބީ ކެޕްޓަނާއެކު 18 މީހުންނެވެ. އޭގެ ތެރެއިން 17 މީހުން ސަލާމަތްވި އިރު، ގެއްލުނީ މުޝްފިގު އެކަންޏެވެ.

ނަމަވެސް މުޝްފިގު ނުފެނި ގިނަ ދުވަސްވެފައިވާތީ އޭނާގެ މަރު ސާބިތުކުރަން އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މާވައް މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ މުޝްފިގުގެ ބައްޕަ ލ. މާވަށް/ އަހިމާގެ، މުހައްމަދު ޝަރީފެވެ.

މުޝްފިގުގެ ބައްޕަ މި މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ޝަރީއަތުގައި ބުނެފައިވަނީ އެޕްރީލް ދެވަނަ ދުވަހު ހޮޅުދޫ ބޯޓު މާވަށުން ފުރައިގެން މާލެއަށް ދިއުމަށް ދަތުރު ފެށި ކަމަށާއި އެ ދަތުރުގައި ބޯޓު ތ. ކަނޑޫދޫގައި ޖެއްސި ކަމަށެވެ. އަދި އެއަށްފަހު އެ އަތޮޅު ހިރިލަންދޫގައި ޖެއްސުމަށްފަހު، އެ އަތޮޅު ކަނޑޫދޫ ކައިރީގައި ބޯޓު އޮއްވައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށާއި އެ އަލިފާންގަނޑު މުޅި ބޯޓަށް ފެތުރުމުން ބޯޓުން ދަތުރުކުރަމުންދިޔަ ހުރިހާ މީހުން މޫދަށް ފުންމާލި ކަމަށެވެ.

ޝަރީފު ވިދާޅުވީ، މުޝްފިގަކީ ރަނގަޅަށް ފަތަން އެނގޭ ކުއްޖަކައް ނުވާތީ އަލިފާން ރޯވިއިރުވެސް މުޝްފިގު ހުރީ މޫދަށް ފުންމާލަން ނުކެރި ބޯޓުގައި ކަމަށާއި އެ ވަގުތު މުޝްފިގު އާއެކު އޭނާގެ ކޮއްކޮ، އަހުމަދު މިންޝާވީ މުހައްމަދު ހުރި ކަމަށާއި އަލިފާނުން ސަލާމަތް ނުވާނެކަން ޔަގީންވުމުން މޫދަށް ފުންމާލުމަށް މުޝްފިގު ކައިރީގައި އޭނާގެ ކޮއްކޮ ބުނި ކަމަށެވެ.

"އޭގެފަހުން ދެ މީހުން އެކުގައި މޫދަށް ފުންމާލި ކަމަށާއި މޫދުގައި އަލީ މުޝްފިގު ޝަރީފް ސަލާމަތްކުރުމަށް އޭނާގެ ކޮއްކޮ އަހުމަދު މިންޝާވީ ވަރަށް މަސައްކަތް ކުރި ކަމަށާއި އެ ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމުގައިވުމުން ވަރަށް އަނދިރި ކަމަށާއި އެ މީހުން މޫދަށް ފުންމާލި އިރު، ފުންމާލެވުނީ ބޯޓުގެ ވައިދަށް ފަރާތަށް ކަމަށާއި އޭރު ބޯޓުގެ އިންޖީނުވެސް ހުރީ ނިއްވާނުލައި ގިޔަރަށް ލެވިފައި ކަމަށާއި އެހެންކަމުން އޭރުވެސް ބޯޓު މަޑުމަޑުން ކުރިއަށްދިޔަ ކަމަށާއި އެ ދެ މީހުން މޫދަށް ފުންމާލުމުން ބޯޓު ދިޔައީ އެ ދެ މީހުންނާ ދިމާލަށް ކަމަށާއި އެހެންކަމުން އަލީ މުޝްފިގް ސަލާމަތް ކުރުމަށް އޭނާގެ ކޮއްކޮ އަހުމަދު މިންޝާވީއަށް އުނދަގޫތަތަކަކާއި ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެ ދެ މީހުންނާއި ދިމާލަށް ބޯޓު އަންނާތީ ބޯޓުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރޭގައި ދެ މީހުންގެ ހަކަތަބަލިވި ކަމަށާއި އެ ވަގުތު އަހުމަދު މިންޝާވީ އަތުން އޭނާގެ ދޮންބެ އަލީ މުޝްފިގު ދޫވި ކަމަށް އަހުމަދު މިންޝާވީ ކިޔައިންދިން" މުޝްފިގުގެ ބައްޕަ ބުންޏެވެ.

އެހެންވެ މުޝްފިގުގެ ބައްޕަ ކޯޓުގައި އެދުނީ، މުޝްފިގަށް ރަނގަޅަށް ފަތަން ނޭނގޭތީ އޭނާ މިހާރު ނިޔާވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންވެ ކަށު ނަމާދު ކުރުމަށްޓަކައި އޭނާގެ މަރު ސާބިތުކޮށް މައްސަލަ ނިންމައި ދިނުމަށެވެ.

މާވަށް މެޖިސްޓްރޭޓް ކޯޓުން މިއަދު އެ މައްސަލައިގައި ގޮތެއް ނިންމި ގޮތުގެ ރައުޔުގައި މެޖިސްޓްރޭޓް އަލީ ޝަރީފް ވިދާޅުވީ މުޝްފިގުގެ މަރު ސާބިތުކުރުމުގެ ގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ސިޓީ ފޮނުވުމުން، މުޝްފިގު ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރާނީ އެމްްއެންޑީއެފުން ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި ފުލުހުންގެ އެ ޖަވާބާ ގުޅިގެން ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައި އެކަމުގެ މައުލޫމާތު ސާފުކޮށް ދިނުމަށް އެދުުމުން އެ މިނިސްޓްރީން ކޯޓަށް ފޮނުވި ސިޓީގައި މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ބުނެފައިވާ ކަމަށް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

އެހެންވެ އެ މައްސަލައިގެ ގޮތެއް ނިންމަވަމުން މެޖިސްޓްރޭޓް ވިދާޅުވީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެމްއެންޑީއެފުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސުން މައުލޫމާތު ދީފައިވާއިރު އަދި މުޝްފިގު ނުފެންނަ ކަމަށް ފުލުހުން ވެސް މައުލޫމާތު ދީފައިވާއިރު، މުޝްފިގުގެ މަރު ސާބިތުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަކީ އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.