މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއިން ހައްވާ ޔުމްނު ރަޝީދު، (21އ)، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، (21އ) ބަންދުން ދޫކޮށްލަން އެދުނީ އަދަބަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުންނަން ޖެހިދާނެތީކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް ވިދާޅުވީ، ރޭ ރައުދު ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ތުހުމަތުކުރެވޭ ފަރާތުން ހުންނަން ޖެހިދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި މީގެކުރިންވެސް ތުހުމަތު ވާ މީހުން ބަންދުން ދޫކޮށްލަން ޕީޖީ އޮފީހުން އެދިފައިވާނެ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ، ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް ފުލުހުން ފޮނުވާފައިވާ މައްސަލަ ބަލައިގަތުމަށްފަހު ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ބުނެފަ އެވެ.

ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އެކި ފަހަރު މަތީން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ. ނަމަވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތަކެއް ހުރުމުން ކަމަށް ބުނެ މި މަހުގެ 22 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލި އެވެ. ހަމަ އެ ދުވަހު އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކުރި އެވެ.