އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއަކީ އެ މަނިކުފާނުގެ ނަޒާހަތްތެރި ކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުއާ ހަވާލާދެއްވައި އެ މަނިކުފާނުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު، އެ މަނިކުފާނާ މުއާމަލާތް ކުރި ކަމަށް ބުނެ "ރާއްޖެ.އެމްވީ" އިން ރޭ ގެނެސްދިނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އަލްއުޒްތާސް މުއުތަސިމް އަދުނާންއަކީ އެ މަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫނެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅަކާމެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫނެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަންކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށެވެ. އަދި ރާއްޖެ.އެމްވީގައި ގެނެސްދީފައިވާ ހަބަރުގައި "އަލިފުން ޔާޔަށް އެހެރެ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގަ އެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީވެސް 2014 ވަނަ އަހަރުއެވެ.

ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.