ޔޫރަޕުގެ ބައެއް ބަޖެޓް އެއާލައިންތަކުން "ސްޓޭންޑިން ސީޓް" ގެ ނަމުގައި އާ ގޮނޑިއެއް ތައާރަފުކުރަން ނިންމައިފިއެވެ. "ސްކައިރައިޑާ 2.0" ގެ ނަން ކިޔާ މި ގޮނޑި އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ގޮނޑީގައި ފަސިންޖަރުން އިށީނދެ ތިބޭނީ 45 ޑިގްރީގެ އެންގަލްއެއްގައި، ސީޓް ބެލްޓް އަޅައިގެންނެވެ. މި ގޮނޑި ތައާރަފުކުރުމުގެ މަގުސަދަކީ މަތިންދާބޯޓުގެ ސީޓިން ކެޕޭސިޓީ 20 އިންސައްތަ އިތުރުކުރުމާއި، ތެލުގެ ހަރަދު ކުޑަކުރުމެވެ.

މި ގޮނޑި ބޭނުންކުރާނީ 2 ގަޑިއިރަށްވުރެ ކުރު ދަތުރުތަކުގައެވެ. މި ގޮނޑީގައި ދަތުރުކުރާ ފަސިންޖަރުންނަށް ހެޔޮ އަގުގައި ޓިކެޓު ލިބޭނެ އެވެ.

މި ހަބަރާ ގުޅިގެން އިންޓަނެޓުގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައި ކޮމެންޓުތައް ކޮށްފައެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ ފަސިންޖަރުންނަށް ކުރެވޭ އިހާނެތި ކަމެއް ކަމަށެވެ. އަނެއްބައި މީހުން ބުނެފައިވަނީ މިއަށްވުރެ ރަނގަޅީ ފަސިންޖަރުން ހޭނައްތައިގެން ކާގޯގެ ގޮތުގައި އުފުލުން ކަމަށެވެ.

ނަމަވެސް ބައެއް މީހުން ބުނެފައިވަނީ މިފަދަ ކަންކަމަށްވުރެ މުހިންމީ މަތިންދާބޯޓުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ.