ބޮމުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެން ޔޫރަޕްގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ފަސިންޖަރު ހަތް މަތިންދާބޯޓެއް ކަމާބެހޭ އިދާރާތަކުން ބަލައި ފާސްކޮށްފިއެވެ.
ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބީބީސީއާއި ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ދިން މި އިންޒާރުތަކާ ގުޅިގެން ޕޮލެންޑް، އިޓަލީ، ސްޕެއިން އަދި ބަލްގޭރިއާގެ ވައިގެބަނދަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ބޯޓުތައް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ ތެރޭގައި ޕޮލެންޑްގެ ވޯސޯއަށް ދަތުރުކުރި ދެ ބޯޓަކާއި، އިޓަލީގެ ރޯމްއަށް ދިޔަ ދެ ބޯޓަކާއި، ބަލްގޭރިއާގެ ސޯފިއާއަށް ދިޔަ ދެ ބޯޓެއްގެ އިތުރުން ސްޕެއިންގެ މުރްސިއާއަށް ދަތުރުކުރި ބޯޓެއް ހިމެނެއެވެ. ހޯމަ ދުވަހުވެސް ސޯފިއާއަށް ދަތުރުކުރި އެހެން ބޯޓަކަށް މިފަދަ އިންޒާރެއް ލިބިފައިވެއެވެ.
ރޯމްގެ ފިއުމިޗީނޯ ވައިގެބަނދަރުގެ މަސްދަރުތަކާ ހަވާލާދީ ބީބީސީން ބުނި ގޮތުގައި، ކާކުކަން ނޭނގޭ ގޮތަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑަބްލިން އަދި ލިޒްބަންއިން އައި ރަޔަންއެއާގެ ދެ ބޯޓެއް ފާސްކުރިއިރު، ޑަބްލިންއިން އައި ބޯޓު ޖެއްސުމާ ހަމަޔަށް އިޓަލީގެ ވައިގެ ސިފައިން ވަނީ އެ ބޯޓާއެކު ދަތުރުކޮށްފައެވެ.
ވޯސޯގެ ޝޮޕެން ވައިގެ ބަނދަރަށް ދަތުރުކުރި ދެ ބޯޓުގެ ތެރެއިން ލަންޑަންގެ ހީތުރޯއިން ފުރި ބޯޓަށް އިއްޔެ ހެނދުނު 10:00 ގެ ކުރިން އިންޒާރު ލިބުމުން އެހެން މަންޒިލަކަށް ބަދަލުކުރިއިރު، ކޯޕެންހޭގަންއިން އައި ސްކެންޑިނޭވިއަން އެއާލައިންސް (އެސްއޭއެސް) ގެ އެސްކޭ751 ބޯޓު ފާސްކުރުމަށް އެ ވައިގެބަނދަރުގެ ރަންވޭއެއް ވަގުތީ ގޮތުން ބަންދުކުރިއެވެ.
މީގެ އިތުރުން، އިސްރާއީލުން ސޯފިއާއަށް ދިޔަ ބޯޓަކާއި އިނގިރޭސިވިލާތުގެ މެންޗެސްޓާއިން މޫސިއާއަށް ދިޔަ ބޯޓެއްވެސް ކުއްލި ހާލަތުގައި ހަރަކާތްތެރިވާ އިދާރާތަކުން ވަނީ ފާސްކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. މޫސިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސްޕެއިން ސަރުކާރުގެ މަންދޫބު ފްރާންސިސްކޯ ލޫކަސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބޯޓުގައި ގޮވާތަކެތި ނެތްކަން ފުލުހުން ކަށަވަރުކޮށްފައިވާ ކަމަށެވެ. ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުންވެސް މި އިންޒާރުތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވާއިރު، އެއްވެސް ބޯޓަކުން އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވާ ކަމަށާއި މި އިންޒާރުތަކުގެ ފަހަތުގައިވާ ފަރާތްތައް އަދި ކަށަވަރުވެފައި ނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
ޔޫރަޕް
ޔޫރަޕް
ޔޫރަޕް
ޔޫރަޕް
ކޮމެންޓް