ރާއްޖޭގެ ޓޭބަލް ޓެނިސް އަމްޕަޔަރު މުހައްމަދު ޔާމީން، ދުނިޔޭގެ އެންމެ ބޮޑު ޓީޓީ މުބާރާތް، ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލެއްގައި އަމްޕަޔަރުކަން ކޮށްފިއެވެ.

ގަތަރުގެ ދޯހާގައޮ މިމަހުގެ 17 ވަނަ ދުވަހުން 25 އިއްޔެެގެ ނިޔަލަށް ކުރިއަށް ދިޔަ ދުނިޔޭގެ ޓީޓީ ޗެމްޕިއަންޝިޕްގައި ޔާމީން އަމްޕަޔަރުކަން ކުރި ފައިނަލަކީ އަންހެން ޑަބަލްސް ފައިނަލެވެ. އޭނާއަކީ ދުނިޔޭ މުބާރާތެއްގެ ފައިނަލުގައި އަމްޕަޔަރުކަން ކުރި ފުރަތަމަ ދިވެހި އަމްޕަޔަރުވެސް މެއެވެ.

އައްޑު އަތޮޅަށް އުފަން ޔާމީނަކީ ޓީޓީ އަމްޕަޔަރުގެ ބްލޫ ބެޖު ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަޔަރުވެސް މެއެވެ. ޔާމީން މީގެ ކުރިންވެސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އަމްޕަޔަރުކަން ކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަޒަކްސްތާންގެ ވެރި ރަށް އާސްތާނާގައި ކުރިއަށްދިޔަ އޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތާއި މިއަހަރުގެ ފެބްރުއަރީ މަހު ޗައިިނާގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ޓޭބަލް ޓެނިސް މުބާރާތުގައި ވެސް އަމްޕަޔަރުކަން ކޮށްފައެވެ.

އޭގެ އިތުރުންވެސް އޭޝިއާ މުބާރާތާއި ޖޫނިއާ މުބާރާތްތަކުގައިވެސް ޔާމީން ވަނީ އަމްޕަޔަރުކަން ކޮށްފައެވެ.