ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބަދަލުތަކެއް ގެނެސް މިއަދު އިފުތިތާހުކޮށްފި އެވެ.
އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ ހުޅުމާލެ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އާ މާސްޓަ ޕްލޭންގައި ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގެ ހުޅަނގު ފަރާތުން ހިއްކަމުންދާ ފޭސް 3 އާއި ފޭސް 2 ގުޅުވާލުން ހިމެނެ އެވެ. އެގޮތަށް އެއްކޮށްލާނީ މިހާރު ފޭސް 1 އާއި 2ގެ ދެމެދުގައި އޮންނަ ޗެނަލްއާ ހަމައަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި ގޮތުގައި ކުރިން އޮތް ގޮތުން ނަމަ ފޭސް 3 އަކާއި ފޭސް 2 ގުޅާލަން ނިންމާފައި އޮތީ އެންމެ ކޯޒްވޭއަކުންނެވެ. އެކަމުގެ ސަބަބުން އާންމު ހިދުމަތްތަކަށާއި ދަތުރުފަތުރަށް މައްސަލަތަކެއް ދިމާވާނެތީ ދެ ފޭސް އެއްކޮށްލަން ނިންމީ ކަމަށް ވިދާޅުވިއެވެ.
ޒިނަފް ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ނުގެއްލޭނެ އެވެ.
ދެވަނަ ބަދަލަކީ ހުޅުމާލޭގެ ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމެވެ. އެގޮތުން މިހާރު އޮތް 36 ހެކްޓަރުގެ ބަނދަރު، 53 ހެކްޓަރަށް ބޮޑުކޮށް، ބަނދަރުގެ ބައެއްގެ ގޮތުގައި ފޭސް 1ގެ ހުޅަނގު ފަރާތާއި ފޭސް 3ގެ ދެކުނު ފަރާތް ތަރައްގީ ކުރާނެ އެވެ.
ބަނދަރުގައި ހިމެނޭނެ ކަންކަން:
- ޒަމާނީ ފެންވަރުގެ ބޮޑު ޓާމިނަލެއް ތަރައްގީ ކުރާނެ
- 316 ޑިންގީ/ ސްޕީޑުބޯޓަށް ޖާގަ ލިބޭ ސްޕީޑްބޯޓު މެރީނާއެއް
- 75 ސަފާރީ އަޅާފައި ބޭއްވޭނެ ވަރުގެ ސަފާރީ މެރިނާއެއް
- މެރީނާ ކްލަބެއް
- މުދާ އަރުވާ ބޭލުމަށް ޓީ-ޖެޓީއެއް
- ޓީ ޖެޓީ ސަރަހައްދުގައި މުދާ ގުދަންކުރެވޭނެ ޑިސްޓްރިބިއުޝަން ސެންޓަރެއް
- ވެއާހައުސްތަކާއި ވޯކްޝޮޕްތަކަށް ޖާގަ ހުންނާނެ
މީގެ އިތުރުން ހުޅުމާލެ ފޭސް 3ގެ ހުޅަނގު ފަރާތުގައި އާންމުން ހިތްފަސޭހަ ކޮށްލަން ބްރޯޑްވޯކް އަކާއެކު ފްލާޒާ ސަރަހައްދެއް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެ ސަރަހައްދުގައި މަސް ބާނަން ޕްލެޓްފޯމްތަކާއި ވިޔަފާރި އައުޓްލެޓްތައް ހިންގަން ބިން ދޭނެ އެވެ.
ޕްލާޒާ އޭރިއާ ކައިރީގައި ހަދަން ނިންމާފައިވަނީ އިސްލާމީ މަރުކަޒެކެވެ. އެކަމަށް 321،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގައި އޮފީސްތަކާއި ސްކޫލް އިމާރާތްތަކާއި ވަފުގު އިމާރާތްތައް އަދި ޕާކެއްވެސް ހިމެނޭނެ އެވެ.
މާސްޓަ ޕްލޭނުގައިވާ ގޮތުން އެކްސްޕޯތައް ބޭއްވުމަށް ހާއްސަކޮށްގެން 300،000 އަކަފޫޓުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އަދި ފަރުކޮޅުފުށި ސަރަހައްދު ހުޅުމާލެ ފޭސް 2ގެ ސެންޓްރަލް ޕާކަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އެ ތަނުގައި ބޮޑު ފުޓްބޯޅަ ދަނޑަކާއި ކުޅިވަރު ކޯޓުތަކާއި ހަފުލާތައް ބާއްވާނެ ޖާގައާއި ބާބަކިއު ސަރަހައްދަކާއި ބަގީޗާއަކާއި ޕެޓިން ޒޫއަކާއި ޕަމްޕް ޓްރެކެއްވެސް ހަދަން ވަނީ ނިންމައިފަ އެވެ.
މުހައްމަދު ސިމާއު
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ