ސައުތް އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އިން ސަރަހައްދީ ލެވެލްގެ ފުޓްސަލް މުބާރާތެއް ބާއްވަން އިއުލާން ކޮށްފިއެވެ.
ދެކުނު އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ ސާފުން ހޮނިހިރު ދުވަހު ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި އާންމު ބައްދަލުވުމުގައި އިންޑިއާ، ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާން، ރާއްޖެ، ޕާކިސްތާން އަދި ސްރީ ލަންކާ އިން ބައިވެރިވެފައިވެއެވެ.
އެ ބައްދަލުވުމުގައި ސާފް ގައުމުތަކުގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ދުރު ރާސްތާ ޕްލޭނެއް ފާސްކޮށްފައިވެއެވެ. އެ ޕްލޭންގެ ތެރެއިން އިތުރު ކަންތައްތަކެއް ކުރުމަށް ނިންމައި މި އަހަރުގެ ބަޖެޓަކަށް 2.48 މިލިއަން ޑޮލަރުގެ ބަޖެޓެއްވެސް ފާސްކޮށްފައިވެއެވެ.
ސާފުން ނިންމާފައި ވަނީ ކުރިއަށް އޮތް ތަނުގައި އާ މުބާރާތްތަކެއް ބޭއްވުމަށެވެ. އެގޮތުން މުޅިން އަލަށް ފުޓްސަލް މުބަރާތެއް ތާވަލުކޮށް، ސްކޫލް ފެންވަރުގެ މުބާރާތްތަކަކާއި ހަރަކާތްތަކެއްވެސް ބާއްވަން ސާފުން ނިންމާފައިވެއެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕްރުޝޮތަމް ކާޓޭލް ވިދާޅުވީ ސާފް ގައުމުތަކުގެ ފުޓުބޯޅައިގައި ގްރާސް ރޫޓް ވަރުގަދަ ކުރުމަށް ސްކޫލް ލެވެލްގެ މުބާރާތްތަކެއް ބާއްވަން ގަސްދުކުރާ ކަމަށާއި އޭގެ އިތުރުން ފުޓްސަލްއާއި އަންހެން ފިރިހެން ކްލަބު ލެވެލް މުބާރާތްތަކެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ފުޓްސަލް މުބާރާތުގެ ސީދާ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ސާފުން ބުނީ ސްކޫލް މުބާރާތްތަކަށް ތާރީހެއް ކަނޑައަޅަން ގައުމުތަކުގެ ސްކޫލް ކަލަންޑަރު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ފުރަތަމަ އަންހެން ކްލަބު މުބާރާތް މި އަހަރު ނޮވެމްބަރު މަހު ނޭޕާލްގައި ބާއްވަންވެސް ނިންމާފައިވެއެވެ.
އެ ކަންތައްތަކުގެ އިތުރުން ސާފުން ވަނީ މި ސަރަހައްދުގައި ޕްރޯ ލެވެލްގެ ކޯޗުން އިތުރު ކުރުމުގެ ގޮތުން، ޕްރޯ ލެވެލް ހަދަމުންދާ ކޯޗުންނަށް ފައިސާގެ އެހީތެރިކަން ދޭންވެސް ނިންމައިފައެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް