ދުނިޔޭގެ ބެޑްމިންޓަން މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަސްޕެންޑް ކޮށްފައި އޮތުމާއެކު ޔޫރަޕްގެ ދެ މުބާރާތެއްގައި ބައިވެރިވެފައިވާ ރާއްޖޭގެ ކުޅުންތެރިން އެ މުބާރާތްތަކުން ބޭރުކޮށްފިއެވެ.
ބީޑަބްލިއުއެފް އިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެކަން އިއުލާންކޮށް ބީޑަބްލިއުއެފް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ފެޑަރޭޝަނުގެ ރުހުން އޮންނަ އެއްވެސް މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވާދަ ނުކުރެވޭނެ ކަމަށެވެ.
އަދި ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކުރީ ރާއްޖޭގެ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން އިންތިހާބީ ހިންގާ ކޮމިޓީއެއްގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމުން ކަމަށާއި އެކަން ހައްލުކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީއާ ވާހަކަ ދައްކަމުންދާ ކަމަށް ބުންޏެވެ.
ބީޑަބްލިއުއެފް އިން ނިންމި ނިންމުމާއެކު އަންނަ މަހު ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދާފައިވާ ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނަށް ދެން އެ ފުރުސަތެއް ނޯންނާނެއެވެ.
އެ މުބާރާތްތަކަކީ ރޭންކިން ޕޮއިންޓަށް މުހިންމު މުބާރާތްތަކަށްވީ އިރު، އެ ފުރުސަތު ގެއްލުމަކީ ލިބުނު ބޮޑު ގެއްލުމެކެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، އިންތިހާބެއް ނުބޭއްވި އެތައް ދުވަހެއް ވަނީ ވޭތުވެ ގޮސްފައެވެ. މިދިޔަ އަހަރު މާޗު މަހުގެ 11 ވަނަ ދުވަހަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އިންތިހާބެއް ނުބޭއްވި މިހާރު ވަނީ އަހަރެއް ވެފައެވެ.
އޭގެ އިތުރުން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެންނަންވެސް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންގާފައިވެއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ މަގުތައް، އަސާސީ ގަވާއިދުގައިވާ ކަމަށް ފާހަގަކޮށެވެ. އޭގެ އިތުރުން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންވެސް ބަލަމުންދާ އިރު، އެކި މައްސަލަތަކުގައި ކޯޓަށްވެސް އެސޯސިއޭޝަނުން ގޮސްފައިވެއެވެ.
މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރަންވެސް ކުރިން ނިންމިއެވެ.
އެ މައްސަލައިގައި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނަށް، އެސޯސިއޭޝަނުން ދިން މައުލޫމާތަށް ދުނިޔޭގެ ފެޑަރޭޝަނުންވެސް ވަނީ ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށް އަންގައިފައެވެ. އެ މައުލޫމާތުތައް ބީޑަބްލިޔުއެފް އަށް ދިނީ މުއްދަތު ހަމަވުމަށްފަހުވެސް އެކްސްކޯގައި ތިބި ބައެއް މެންބަރުންނެވެ.
އެކަމުގައި ފަހުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އޮލިމްޕިކްސް ކޮމިޓީ އެކުވެގެންވެސް ބީޑަބްލިޔުއެފްގެ ބަހަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުން ނުލިބުނެވެ.
އެ ހިސާބުން ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ އިރު، މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް ހޮކް ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
އެޑް ހޮކް ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފެވެ.
ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރީ އެ ކޮމިޓީގެ ދަށަށް އެސޯސިއޭޝަނުގެ ހިންގުން ދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ބަލައިފައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން