ރެއާލް މެޑްރިޑްގެ އާ ކޯޗެއްގެ ގޮތުގައި ޒަބީ އެލޮންސޯ ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އުމުރުން 43 އަހަރުގެ އެލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވީ ކުރިން އެ ކްލަބުގެ ކޯޗުކަމުގައި ހުރި ކާލޯ އެންޗެލޮޓީ އެ މަގާމު ދޫކޮށް، ބްރެޒިލް ކޯޗުކަމާ ހަވާލުވުމުންނެވެ.

ކުރިން ލިވަޕޫލް އާއި ރެއާލަށް ކުޅުނު އެލޮންސޯ ބަޔާން ލެވަކޫސަން ދޫކޮށް ރެއާލްއާ ހަވާލުވީ 2028 ވަނަ އަހަރު ޖޫން މަހާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށްގެންނެވެ.

އެލޮންސޯ ރަސްމީކޮށް ރެއާލް ސަޕޯޓަރުންނަށް ތައާރަފު ކޮށްފައިވާ އިރު، އޭނާއަކީ ކުޅުންތެެރިއެއްގެ ގޮތުގައި 2014 ވަނަ އަހަރު އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ހޯދި ކުޅުންތެރިއެކެވެ. އޭނާ ކުޅުމުގެ ކެރިއަރު ނިންމާލުމަށްފަހު، ހަވާލުވި ފުރަތަމަ ބޮޑު ޗެލެންޖަކީ ބަޔާން ލެވަކޫސަންގެ ޗެލެންޖެވެ.

ލެވަކޫސަންއާއެކު މިދިޔަ ސީޒަނުގައި ބަލިނުވެ، ޖަރުމަނު ލީގު ނެގުމުގެ އިތުރުން ޖަރުމަނު ކަޕުވެސް އެލޮންސޯ ކާމިޔާބު ކުރިއެވެ.

ރެއާލުން އެލޮންސޯ އާއެކު ފުރަތަމަ ނުކުންނާނީ ފީފާ ކްލަބު ވޯލްޑް ކަޕަށެވެ. އެ މުބާރާތް އަންނަ މަހުގެ 14 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، މުބާރާތް އޮންނާނީ އެމެރިކާގައެވެ.